
ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކުރުމަށް ޙަވާލުކުރުން
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތްކުރުމަށް ޙަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ އަށެވެ.
މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއިލް އަބްދުﷲ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފް އެވެ.
މި މަޝްރޫއުގެ ދަށުން ފޭސް 1 ގައި ޓާޝަރީ ފެންވަރަށް ހިދުމަތް ގެނައުމަށް އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ތަނުގައި ހުރި ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު، ސީއެސްއެސްޑީ އަދި މިނޫންވެސް ހިދުމަތްތައް ހޮސްޕިޓަލްގެ އެހެން ތަނަކަށް ބަދަލުކުރުން، އަދި ފޭސް 2 ޓާޝަރީ ފެންވަރަށް ހިދުމަތް ގެނައުމަށް އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތްކުރުން ހިމެނެ އެވެ.



