އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން – ޚުތުބާ

އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަމެވެ.

މި ހަފްތާގެ ހުކުރު ޚުތުބާ ބިނާކޮށްފައިވަނީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ މައްޗަށެވެ. އެގޮތުން މި ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން ކަމުގައާއި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނޭކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ލޮބުވެތި ރަސޫލާ zގެ ސީރަތުގައި އެއިން ޢިބުރަތް ހާސިލުކުރާން ޖެހޭ ގިނަގުނަ ޙާދިސާތަކަކާއި ކަންތައްތަކެއް ވެއެވެ. މާތްالله އަހަރެމެންގެ ލޮބުވެތި ރަސޫލާ zއަށް ގިނަގުނަ ނިޢުމަތްތަކަކާއި މުޢުޖިޒާތް ދެއްވިއެވެ. އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތްތަކުގެ ތެރޭގައި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ހިމެނެއެވެ. މި ދަތުރުފުޅަކީ  ބޮޑުވެގެންވާ މުޢުޖިޒާތެކެވެ. އެއީ އެ ކަމުގައި ޢިބުރަތްތަކާއި އިމްތިޙާނުކުރެއްވުންތައް ހިމެނޭ މަތިވެރި ޙާދިސާއެކެވެ.“ ޚުތުބާގައި ބުނެފައިވެ އެވެ. 

މުސްލިމުންގެ ތެރޭގައި މި ޙާދިސާ ހިނގިކަމަށް މަޝްހޫރުވެފައިވަނީ ރަޖަބުމަހުގެ ހަތާވީސް ވިލޭރޭގައި ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. އަދި އިސްރާގެ ހާދިސާ ހިނގައިފައިވާކަން ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތުވާ ކަމަށް ވެސް ބުނެފައިވެ އެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ”އެކަލާނގެ ހުސް ޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލްޙަރާމުން، އަލްމަސްޖިދުލްއަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށް ޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ.“ 

ކީރިތި ރަސޫލާ zގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ އެކަލޭގެފާނު އިސްލާމީ ދަޢުވަތު ދެއްވުމުގައި އުފުއްލަވަމުން ގެންދެވި ބުރަތަކަށާއި އެ ކަމަށް ޓަކައި ތަޙައްމަލުކުރެއްވި ދަތިތަކަށާއި، ކެތްތެރިވެވަޑައިގަތް ކެތްތެރިވެވަޑައިގަތުމަށް މާތްالله ދެއްވެވި މަތިވެރި އިނާމެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.
އެއީ އެކަލޭގެފާނުގެ ނިޔަނެތި އަދި މަދަދުވެރި އަނބިކަނބަލުން ޚަދީޖަތުގެފާނާއި އެކަލޭގެފާނަށް ޙިމާޔަތްދެއްވުމުގައި ހުންނެވި ލޮބުވެތި ބޮޑުބޭބޭފުޅު އަވަހާރަވުމުގެ ސަބަބުން ލިބިވަޑައިގަތް ހިތާމައަށް ދެއްވެވި ތަސައްލީއެކެވެ. މި ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަމެވެ.

ހުރިހައި ނަބީބޭކަލުންގެ އިމާމަކަށްވެވަޑައިގެން، ބައިތުލްމަޤްދިސުގައި ނަމާދުފުޅު ކުރެއްވުމުން އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ނަބިއްޔާ zގެ މާތްކަމާއި ނަބީބޭކަލުންގެ އަރިހުގައި އެކަލޭގެފާނުގެ މަޤާމުގެ މަތިވެރިކަން ހާމަވިކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. މާތް ނަބިއްޔާ z މައްކާގެ ޤުރައިޝުންނަށް އިސްރާގެ ދަތުރުފުޅާބެހޭގޮތުން ބަޔާންކޮށްދެއްވަމުން ޙަދީޘްކުރެއްވިއެވެ. (فَحَانَتِ الصَّلَاةُ، فَأَمَـمْتُهُمْ)  މާނައީ: ”ދެން ނަމާދު ވަޤުތު ޖެހުމުން، ތިމަންކަލޭގެފާނު  ނަބީބޭކަލުންގެ އިމާމަކަށްވެވަޑައިގެން ނަމާދުކުރެއްވީމެވެ.“ 

“ އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިސާއެކެވެ. ރޭގަނޑުން ބައެއްގައި މާތްالله މާތްކުރައްވައިފައިވާ މައްކާގެ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް  ކުރެއްވި ދަތުރުފުޅެވެ. މިޢުރާޖުގެ ދަތުރުފުޅަކީ ބައިތުލް މަޤްދިސުން ފެށިގެން މަތިވެރިވެގެންވާ އުޑުތަކަށް އަދި އެއަށް ފަހު ސިދުރަތުލްމުންތަހާއަށް ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅު ނިމުނު ހިސާބު ދެނެވޮޑިގެންވަނީ ހުރިހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ، އެއްވެސް ކަމެއް ވަންހަނާވެގެންނުވާ اللهُ سُبْحَانَهُ وَتَعَالَىއެވެ. ކީރިތި ރަސޫލާ z، ކުރީން ވެސް އަދި ފަހުން ވެސް، އެއްވެސް މީހަކަށް ވާޞިލު ނުވެވޭނޭ މަތިވެރި މަޤާމަކަށް މި ދަތުރުފުޅުގައި ވާޞިލުވެވަޑައިގަތެވެ.“

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.