
ރީކޯ މޫސަ ދީނީ ޢިލްމުވެރިންނަށް ނިސްބަތްކޮށް ތަކްފީރު ކޮށްފައިވާތީ ފިޔަވަޅު އަޅއިދިނުމަށް ޢިލްމުވެރިން ގުޅުމުން އެދިއްޖެ
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު, ދީނީ ޢިލްމުވެރިންނަށް ނިސްބަތްކޮށް ތަކްފީރު ކުރުމާއި، ނަފުރަތު އުފެއްދުމުގެ އަމަލު ހިންގާފައިވާތީ އެކަން ބަލައި ފިޔަވަޅު އަޅައިދޭން އިލްމުވެރީންގެ ގުޅުމުން އެދިއްޖެ އެވެ.
އެ ގުޅުމުން މިކަމަށް އެދިފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީނަށް ފޮނުއްވި ސިޓީއެއްގަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ދީނީ ޢިލްމުވެރީންނަށް ނިސްބަތް ކުރައްވައި، އެއީ މުރުތައްދުވެފައިވާ ބައެއް ކަމަށް ރީކޯ މޫސަ ބުނެފައިވާ މައްސަލައަކީ ވަރަށް ނުރައްކާތެރި ހައްސާސީ މައްސަލައެއް ކަަމަށެވެ.
އޭނާގެ ވާހަކަތަކަކީ އޭގެ ސަބަބުން ދިވެހިރާއްޖޭގައި އިސްލާމްދީންނާއި ދިވެހީންގެ ދީނީ ވަޙްދަތު ނެގަހެއްޓެވުގައި އެންމެ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރައްވަމުންދާ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށް ޓަކައި ކޮށްފައިވާ ނޭއްގާނީ ދަށުދަރަޖައިގެ ނުރައްކާތެރި, ޒިންމާދާރުކަމެއް ނެތް ޢަމަލެއް ކަމުގައި ދެކޭ ކަމަށް ބުނެފައިވެ އެވެ.
އޭނާ އެވަނީ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ އަދި މީހުންގެ މެދުގައި ފިތުނަ އުފެދޭ ފަދަ ގޮތަށް ވާހަކަ ދައްކާފައި ކަމަށް އިލްމުވެރީންގެ ސިޓީގައިވެ އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، މީހަކާ މެދު ނަފުރަތު އުފެއްދުމުގެ ގަސްތުގައި މީހަކީ މުރުތައްދެއް ކަމަށް އާންމު ތަނެއްގައި ތުހުމަތުކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ގާނޫނާ ވެސް އޭނާ ހިލާފުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.



