
ފެންބޮޑު ވުމުގެ ސަބަބުން ސްރީލަންކާގައި 50 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ސްރީލަންކާގެ ސައިފަތް ދަނޑުތައް ހިމެނޭ ފަރުބަދަމަތީ ހިސާބެއްކަމަށްވާ ބަޑުއްލާ އަދި ނުވަރައެލިޔާއަށް އެރި ތޫފާން ޑިތުވާގެ ސަބަބުން އެސަރަހައްދުގައި ފެންބޮޑުވެ ފަރުބަދަ ކަނޑައިގެން ދިއުމުގެ ސަބަބުން 50 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.
ޚަބަރުތައް ބުނާގޮތުގައި މި ތޫފާނުގެ ސަބަބުން 56 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކުރެވިފައެވެ. އަދި ފަރުބަދަ ކަނޑައިގެންގޮސް ވެއްޔާއި ކިސަޑު ފޭބުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެ، މުދަލާއި ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ތޫފާން ޑިތުވާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނި ހުކުރު ދުވަހު ހެނދުނު އިރުމަތި އަދި މެދުތެރޭގެ ސަރަހައްދުތަކަށެވެ. އަދި މި ތޫފާނުގައި ގަޑިއަކު 65 ކިލޯމީޓަރު (ގަޑިއަކު 40 މޭލު) ބާރުމިނުގައި ވައި ޖެހިފައިވެ އެވެ. އެއާއެކު ބޯކޮށް ވާރޭވެހި، ބުރާސްފަތި ދުވަހާއި ހުކުރު ދުވަހާއި ދެމެދު 300 މމ ގެ ވާރޭވެހި، 11.8 އިންޗިއަށް ފެންބޯޑުވެފައިވެ އެވެ. ފަރުބަދަތަކުން ވެއްޔާއި ކިސަޑު ފައިބަންފަށާއި ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުންނެވެ.
ފާއިތުވި ހަފްތާގައި ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ބުރާސްފަތިދުވަހު 25 މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކުރެވިފައެވެ. ހުކުރު ދުވަހާއި ހަމައަށް ތޫފާނުގެ އަސަރު ބޮޑުވެ، މަރުވި މީހުންގެ އަދަދު 56 އަށް މަތިވެފައިވެ އެވެ. މަރުވި ގިނަ މީހުން މަރުވެފައި ވަނީ ފަރުބަދަތަކުން ވާރެއާއެކު ފޭބި ވެއްޔާއި ކިސަޑުގެ ސަބަބުންނެވެ.
މީގެ އިތުރުން ބަޑުއްލާ އަދި ނުވަރައެކިޔާއިން 21 މީހުން ގެއްލި 14 މީހުންނަށް އަނިޔާވެފައިވާ ކަމަށް ސްރީލާންކާގެ ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ހަވާލާދީ ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.



