
ފާއިތުވި 104 ހަފްތާގެ ތެރޭގައި: ”އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު“ ވެލިޑޭޓްކުރުން
އާބާދީއަށް އަންނަމުންދާ ބަދަލުތައް ދުރާލާ ދެނެގަނެ، އިސްރަށްވެހިން ދުޅެހެޔޮކަމާއި އަބުރުވެރިކަމާއެކު މުޖުތަމަޢުގެ މުހިއްމު ބައެއްގެ ގޮތުގައި ދިރިއުޅުމަށް މަގުފަހިކުރުމަށްޓަކައި އެކުލަވާލެވުނު ”އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު“ އެންޑޯސް ކުރެވި، ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ ޤައުމީ އެކްޝަން ޕްލޭން ތައްޔާރުކުރެވި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރެވި މި އަހަރު ތެރޭގައިވަނީ މި އެކްޝަން ޕްލޭން ވެލިޑޭޓް ކުރެވިފައެވެ.
ނެޝަނަލް ޕޮލިސީ އޮން އޭޖިންގައި ހިމެނޭ މުހިންމު ބައެއް ސިޔާސަތުތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް، އެމީހުންގެ އުމުރާ އެކަށީގެންވާ، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި ދިގު މުއްދަތުގެ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުމާއި، އަދި އެފަރާތްތަކަށް ދިގުމުއްދަތައް ދެމިގެންދާ ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަކީ މާލީ ގޮތުން ފުދުންތެރި ބައެއްކަން ކަށަވަރުކުރުމަށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި، ޕެންޝަންތަކާއި، އިޤްތިޞާދީ ގޮތުން ބައިވެރިވުމުގެ ފުރުޞަތުތައް ހިމެނޭގޮތަށް އާމްދަނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ފުޅާކުރުމަކީ ވެސް މި ޕޮލިސީގައި ހިމެނޭ މުހިންމު ސިޔާސަތުތަކެވެ.
އޯގާތެރި މުޖުތަމަޢެއް ބިނާކޮށް, އުމުރުން ދުވަސްވީ މީހުންނަކީ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، ދުޅަހެޔޮކަންމަތީގައި ދިރިއުޅޭ ބައެއްކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ތަޞައްވުރެކެވެ. އެގޮތުން، ”އިސްރަށްވެހިންގެ ނާދީ“ ގެ ނަމުގައި މާލެ ސަރަހައްދު އަދި ހުޅުމާލެ ހިޔާ ސަރަހައްދުގައި ވަނީ ދޮށީ އުމުރުގެ މީހުންގެ އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރެވިފައެވެ.



