ޕީ.އެސް.އައި.ޕީގެ ދުވެލި ހަލުވިވެއްޖެ

ސަރުކާރުން މުސާރަތައް އެއްހަމަކޮށްފައިވާއިރު، އާމްދަނީގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓިފައިވާ ކަމަށް، 13 ނޮވެމްބަރ 2025 ގެ ނިޔަލަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ތައްޔާރުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފި އެވެ.

ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 33.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރުގެ 30.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.9 އިންސައްތައި ގެ ކުރިއެރުމެކެވެ. ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ 7.7 އިންސައްތަ އިތުރުވެ 24.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުދަލާއި ޚިދުމަތުގެ ޓެކްސް ނުވަތަ ޖީ.އެސް.ޓީ. 11.5 އިންސައްތަ އިތުރުވެ 13.5 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ ތެރެއިން މި އަހަރުގެ ޖުލައި 1 އިން ފެށިގެން ޓޫރިޒަމް ޖީ.އެސް.ޓީ ނުވަތަ ޓީ-ޖީ.އެސް.ޓީ ރޭޓު %17 އަށް ބޮޑުކޮށްފައިވާތީ 13.7 އިންސައްތަ އިތުރުވެ 9.0 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ.

ގްރީން ޓެކްސް 108.0 އިންސައްތަ އިތުރުވެ 1.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖަސް/ޑިޕާޗަރ ޓެކްސް 60.2 އިންސައްތަ އިތުރުވެ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ.

ޓެކްސް ނޫން އާމްދަނީ 22.1 އިންސައްތަ އިތުރުވެ 8.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން އެކިއެކި ޚިދުމަތަށް ނެގޭ ފީގެ ގޮތުގައި ލިބޭ އާމްދަނީ 60.3 އިންސައްތަ އިތުރުވެ 3.7 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ.

މި އިތުރުވުމުގެ ބޮޑުބައެއް ހިއްސާކުރަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާތަނަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 60.4 އިންސައްތައިގެ އިތުރުވުމެކެވެ.

ޚަރަދުތަކަށް ބަލާއިރު، ޖުމްލަ ޚަރަދު 34.1 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ ކުރީ އަހަރުގެ 39.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 13.5 އިންސައްތައި ގެ ދަށްވުމެކެވެ.

ސަރުކާރު ހިންގުމުގެ ޚަރަދުތައް 10.7 އިންސައްތައިން ދަށްކޮށް މިދިޔަ އަހަރާ އަޅައިބަލާއިރު 2.0 ބިލިއަން ރުފިޔާއިން ޚަރަދުތައް ކުޑަކޮށްފައިވެ އެވެ. މިގޮތުން، ސަރުކާރުން ދޭ އެހީ އިޝްތިރާކާއި ސަބްސިޑީސްއަށް ކުރާ ޚަރަދުތައް ކުރީ އަހަރާ އަޅައިބަލާއިރު 4.0 އިންސައްތައިން ކުޑަކޮށްފައިވެ އެވެ.

އަދި ވަކިން ހާއްސަކޮށް ސަބްސިޑީއަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރު ނަމަވެސް، މިބަޔަށް ހިނގާފައިވާ ޚަރަދުތައް ފާއިތުވި އަހަރާ އަޅައިބަލާއިރު 11.1 އިންސައްތަ ދަށެވެ. މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށްވެފައިވުމެވެ.

މީގެ އިތުރުން ފައިނޭންސިންގ އަދި އިންޓަރެސްޓްގެ ޚަރަދުތައް 5.7 އިންސައްތަ ދަށްވެ 4.0 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ވޭތުވެދިޔަ ހަފްތާގައި، ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ ސަބްސިޑީތަކަށް ކުރާ ޚަރަދުތަކަށެވެ.

ކެޕިޓަލް ޚަރަދުގެ ޖުމްލަ 4.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރުގެ 10.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 53.9 އިންސައްތައިގެ ދަށްވުމެކެވެ.

މި ދަށްވުމުގެ މައިގަނޑު ސަބަބަކީ މަޝްރޫޢުތަކަށް ހިނގާ ޚަރަދުތައް ކޮންޓްރޯލްކޮށް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސިންގފަދަ އުސޫލުތަކުގެ ދަށުން މަޝްރޫއުތައް ހިންގަން ފަށާފައިވާތީ އެވެ.

މި އަހަރު ފެށުނީއްސުރެ މިހާތަނަށް، ޕީ.އެސް.އައި.ޕީގެ ޚަރަދުތައް 6.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކުރީ އަހަރުގެ 9.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ 25.6 އިންސައްތައިގެ ދަށްވުމެކެވެ.

ޕީ.އެސް.އައި.ޕީގެ އެންމެ ބޮޑު ބައެއް ޚަރަދުކުރެވިފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، މިއީ 4.3 ބިލިއަން ރުފިޔާއެވެ. ފާހަގަކޮށްލެވޭ ގޮތެއްގައި، ވައިގެ ބަނދަރުތަކުގެ އިންވެސްޓްމަންޓް 10.5 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބްރިޖްއެޅުމަށް 846.7 މިލިއަން ރުފިޔާ އަދި ބަނދަރުހެދުމަށް 309.4 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެ އެވެ.

މި އަހަރު ފެށުނީއްސުރެ މިހާތަނަށް އޯވަރޯލް ބެލެންސް ސަރޕްލަސް ނުވަތަ އަރަނިކޮށް ހުރުމަށްފަހު، އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި ޑެފިސިޓްވެފައިވާއިރު، 13 ނޮވެންބަރު 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓު އޯވަރޯލް ޑެފިސިޓް ހުރީ 807.3 މިލިއަން ރުފިޔާގައެވެ.

މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރިކޯޑުކުރެވުނު 9.1 ބިލިއަން ރުފިޔާގެ ޑެފިސިޓާ އަޅާބަލާއިރު، 91.1 އިންސައްތައިގެ ދަށްވުމެކެވެ. މި ކުރިއެރުން ޙާޞިލުވެފައިވަނީ އިގުތިސާދީ ކުރިއެރުމާއި އާމްދަނީގެ ފިޔަވަޅުތަކާއެކު އާމްދަނީ އިތުރުވެފައިވާތީއާއި ޚަރަދުތައް ކޮންޓްރޯލްކުރުމުގައި ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާތީއެވެ. މި މުއްދަތުގައި އޯވަރޯލް ބެލެންސް ޑެފިސިޓްކޮށް ހުރި ނަމަވެސް، ޕްރައިމަރީ ބެލެންސް 3.2 ބިލިއަން ރުފިޔާއިން ސަރޕްލަސް ވެފައިވެ އެވެ.

6 ނޮވެމްބަރ 2025 ވަނަ ދުވަހު ސަރުކާރުން 53 އަމިއްލަ ކުންފުންޏަކާއެކު 206 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

މި އެއްބަސްވުންތަކުގެ ދަށުން 9 ދާއިރާއެއްގައި ކޮންޓްރެކްޓަރުން ފައިނޭންސްކުރާ އުސޫލުން ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ތަންފީޛުކުރެވޭނެ އެވެ.

މި ޕްރޮގްރާމުގެ ސަބަބުން އިސްކަންދޭ އިންވެސްޓްމަންޓްތަކަށް އަމިއްލަ ފަރާތްތަކުގެ ރައުސުލްމާލާއި ތަޖުރިބާ ބޭނުންކުރެވޭނެއެވެ.

އަދި މި ގޮތުން މަޝްރޫއުތައް ހިންގުމަސް ބަޖެޓަށް ބަރޯސާނުވެ، މުހިންމު ޚިދުމަތްތަކަށް ބަޖެޓުގައި ޖާގަ ހިފެހެއްޓޭނެ އެވެ.

2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުން، ދައުލަތުގެ ޚިދުމަތުގައި ހަމަހަމަ އަދި ޢަދުލުވެރި އޮނިގަނޑެއް ވަރުގަދަކޮށްދޭނެ އެވެ.

އަދި މި ސިޔާސަތާއެކު ޚަރަދުތައް ކޮންޓްރޯލްކުރުމާއި ކެޕިޓަލް މަޝްރޫޢުތައް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އާމްދަނީ ކުރީ އަހަރަށްވުރެ ރަނގަޅުވަމުންދާއިރު، ކެޕިޓަލް ޚަރަދުތައް އިތުރަށް އަމާޒުކުރެވެމުންދަނީ ކުރިއެރުމަށް މުހިންމު ވަސީލަތްތަކަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.