
މަންފާ އެކަޑަމީ މުޅި ރާއްޖެއަށް, ފުރަތަމަ މަންޒިލަކީ ތ. ހިރިލަންދޫ
”މަންފާ“ ޖަމިއްޔާ އުފައްދާފައިވާ ކުޅިވަރު އެކަޑަމީގެ ހަރަކާތްތައް ރަސްމީކޮށް ފަށަން ތައްޔާރުވެއްޖެ އެވެ. އެކަޑަމީގެ މަގާމުތަކަށް މެންބަރުން އިންތިހާބުކޮށް އެކަޑަމީގެ މަސައްކަތް ފެށުމުގެ ގޮތުން އެކަޑަމީގެ ފުރަތަމަ ދަތުރު ތ. ހިރިލަންދޫއަށް ކުރަން މިހާރު ވަނީ ނިންމާފަ އެވެ.
މަންފާ އެކަޑަމީގެ މަގްސަދަކީ ދީނީ މިންގަނޑުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ. އެކަޑަމީގެ ޗެއާމަން އަދި މަންފާގެ ރައީސް އަލީ ރަމީޒު ވިދާޅުވި ގޮތުގައި އެކަޑަމީ ރަޖިސްޓްރީވެ އެކަޑަމީގެ މަގާމުތަކަށް މެންބަރުން އިންތިހާބުކޮށް މަަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި ހިރިލަންދޫއަށް ކުރާ ދަތުރާއެކު އެކަޑަމީގެ މަސައްކަތްތައް ކުރިއަށް އޮތްތާ ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ހިންގާނެ އެވެ.
”އަޅުގަނޑުމެންގެ މަގްސަދަކީ ދީނީ އިމުގެ ތެރޭގައި ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދެވޭނެ ކަން ބުނެދިނުން. އަދި އެކަޑަމީގައި ހިމެނޭ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަމުގައި ކުޅިވަރުގެ ހުނަރުތައް ދަސްކޮށްދިނުން,“ އަލީ ރަމީޒު ވިދާޅުވި އެވެ.
މަންފާ އެކަޑަމީގެ ރައީސަކީ ވޮލީ ލެޖެންޑް މުހައްމަދު ސާޖިދު (ސާޖިދު ކޯޗް) އެވެ. ނާއިބު ރައީސުންގެ ގޮތުގަައި ފުޓްބޯޅަ ކޯޗް އަލީ ނިސްތާރު (ނިސްތާރު ކޯޗް) އާއި ކުޑަކުދީންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ ހައްގުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ އިބްރާހިމް ރަމީޒު (އިބޭ) އާއި ޤުރުއާންގެ އިލްމުފެތުރުގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާ މުހައްމަދު ތައުފީގް އަލީ (ތާއްޕެ ސަރ) ހިމެނެ އެވެ.
މަންފާ އެކަޑަމީގެ ރައީސް މުހައްމަދު ސާޖިދު ވިދާޅުވީ ހިރިލަންދޫގައި ކުރިއަށް ގެންދާ ހަރަކާތަކީ އެކަޑަމީގެ ވަރަށް ގިނަ ހަަރަކާތްތައް ކުރިއަށް ގެންދާނެ ޕްރަގްރާމެއް ކަމަށެވެ. އެގޮތުން ކުޅިވަރުގެ އެކި ޕްރަގްރާމްތަކާއި އަޤީދާއާ ނަމާދު ވޯކްޝޮޕާއި ކުޑަކުދީންގެ އެކިއެކި އިވެންޓައްވެސް ހިމެނެ އެވެ.
ސާޖިދު ވިދާޅުވި ގޮތުގައި މަންފާ އެކަޑަމީގެ ހަރަކާތްތައް ބޭއްވުމުގެ ފުރުސަތު ހުރިހާ ރަށަކަށްވެސް އޮންނާނެ އެވެ. އަދި އަތޮޅުތަކަށްވެސް އެ ފުރުސަތު ފަހިކޮށްދޭނެ އެވެ. އަދި ރަށްރަށުން ބޭނުންވާނަމަ ވަކިވަކި ޕްރަގްރާމްތައްވެސް ހިންގައިދޭނެ އެވެ.
”މިސާލަކަށް ރަށަކުން ބޭނުންވެދާނެ މުޅި ޕްރަގްރާމް އެއްކޮށް ކުރިއަށް ގެންދަން. އެ ފުރުސަތު އޮންނާނެ. އަދި ވަކީން ފުޓްބޯޅަ ނުވަތަ ވޮލީ ނޫނީ ކަސްރަތު ޕްރަގްރާމެއް ކުރިއަށް ގެންދަން ބޭނުންނަމަ އެ ފުރުސަތުވެސް އޮންނާނެ. މިފަދަ ކޮންމެ ޕްރަގްރާމެއްގައި އަޅުގަނޑުމެންގެ ފަރާތުން ހިމަނާނެ އަޤީދާއާ ނަމާދު ވޯކްޝޮޕް,“ ސާޖިދު ވިދާޅުވި އެވެ.
ސާޖިދު ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަންފާ އެކަޑަމީއަށް އެކަން ހިއްސާކުރުމަށް އެދިފަ އެވެ.
މަންފާ އެކަޑަމީގެ މެއިލް އެޑްރެސް: manfaaacademy@gmail.com



