
ކޮޅުވެއްޓި ދުއްވަން އިނީ ލައިސަންސް ނެތް މީހެއް
ކޮޅުވެއްޓި ދުއްވަން އިނީ އެފަދަ އުޅަންދެއް ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަން އެމްޕީއެލްގެ ތަހުގީގުން ޘާބިތުވެއްޖެ އެވެ.
މިހިނގާ ނޮވެމްބަރު 2 ވަނަ ދުވަހު ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި އެ ލޭނޑިންގ ކްރާފްޓް ދުއްވަންއިނީ އެފަދަ އެފަދަ އުޅަންދެއް ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަން މި ހާދިސާއާއި ބެހޭގޮތުން އެމްޕީއެލްއިން ހިންގި ތަހުގީގުން ޘާބިތުވެއްޖެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިހާދިސާއާއި ބެހޭގޮތުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ ސަރަހައްދުގެ ބޭރުގައި އޮތް ”އެމް.ވީ ސެލެސްޓިއާ“ ބޯޓުން 2025 ނޮވެންބަރު 02 ވަނަ ދުވަހު ލޭންޑިންގ ކްރާފްޓަކަށް 02 އެކްސްކަވޭޓަރ ބަރުކުރުމުގެ ތެރޭގައި، ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި އެކުންފުނީގެ ދެ މުވައްޒަފެއް ނިޔާވެފައިވާ ކަމަށާއި، މި ހިތާމަވެރި ހާދިސާއާ ގުޅިގެން އެ ކުންފުނިން ވަނީ އެތެރޭގެ ތަހުޤީގެއް ހިންގަން ފަށައި، ޢިބްތިދާޢީ ހޯދުންތައް ހޯދާފައި ކަމަށެވެ. އަދި މި އިބްތިދާޢީ ހޯދުންތަކުން ހާދިސާ ހިނގި ގޮތާއި، ފާހަގަކުރެވުނު މައްސަލަތަކާއި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިއުމަށް، މި ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްޕީއެލްއިން ހިންގާފައިވާ ތަހުގީގުން ފާހަގަކުރެވުނު ކަންތައްތައް އެކުންފުނީގެ ނޫސްބަޔާނުގައި ވަނީ ތަފްސީލުކޮށްދެއްވާފަ އެވެ. އެގޮތުން ފާހަގަ ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި:-
1. މި އޮޕަރޭޝަންގައި 02 އެކްސްކެވޭޓަރ އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސި ލޭންޑިންގ ކްރާފްޓް ދުއްވަން ހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަން. ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަން.
2. ލޭންޑިންގ ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ޤަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަން. އަދި އެއީ ލޭންޑިންގ ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަން.
3. ޑައިރެކްޓް ޑެލިވަރީ (މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބޭލުން) އޮޕަރޭޝަންސްތަކުގައި އެ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ހެދިފައި ހުރި ޤަވާއިދުތަކުގެ ތެރެއިން، ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދު ކެޕްޓަންކަމަށް ވީ ހިނދު، އެ ފަރާތުން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން 02 އެކްސްކެވޭޓަރ ލޭންޑިންގ ކްރާފްޓްގައި ބެހެއްޓުމަށްފަހު، ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގިކަން.
4. އެހެން ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިންގ ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ ޕޯޓު ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިންގ ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބުކަން.
5. ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމް.ޕީ.އެލްގެ 10 މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ލިބިފައި. އެމް.ޕީ.އެލްގެ މުވައްޒަފުން އެ އުޅަނދުގައި އެ ވަގުތު ތިބެން މެދުވެރިވި ސަބަބަކީ މަސައްކަތް ނިންމާލުމަށްފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިންގ ކްރާފްޓް ގިރާކޮށްފައި ކަމުގައިވުން.
އެހެންނަމަވެސް އެމްޕީއެލުން ބުނީ ކޮޅުވެއްޓިއަށް ދެ ހައިމާކު ބޭލުމުގެ އޮޕަރޭޝަންތައް ފުރިހަމަކޮށް ނިންމާފައިވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި މި ހިތާމަވެރި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަސަރުކޮށްފައިވާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް އެކުންފުނިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ހަމައެހެންމެ މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ބައެއް މީޑިއާތަކުން އާންމުކޮށްފައިވާ ޚަބަރުތަކުގައި، އެމްޕީއެލް އާއި އެމްޕީއެލްގެ މުވައްޒަފުންނާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ހަޤީގަތާއި ހިލާފު މަޢުލޫމާތު ފޯރުކޮށްފައިވާކަން ފާހަގަކޮށް، މިފަދަ ހައްސާސީ ދަނޑިވަޅުތަކުގައި، މިފަދަ މަޢުލޫމާތު އާންމުކުރުމުގައި ހަޤީގަތާއި އެއްގޮތަށް ހަބަރު ފެތުރުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.



