
ރޮޓަރީ ކްލަބް އޮފް މާލެއިން 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް 170،000 ގަސްއޮށް ހަދިޔާކޮށްފި
ދިވެހިރާއްޖޭގައި ގަސްގަހާގެހި ގިނަކުރުމުގެ މަޤްޞަދުގައި ހިންގާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، ރޮޓަރީ ކްލަބް އޮފް މާލެ (RCM) އިން މިއަދު ތަފާތު ބާވަތްތަކުގެ 170،000 ގަސްއޮށެއްޗެހި ހަދިޔާކޮށްފިއެވެ. މި ހަދިޔާއާއެކު، ރާއްޖޭގެ ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.
ރޮޓަރީ ކްލަބް އޮފް މާލެއިން ހަދިޔާކުރި އޮށެއްޗެހީގެ ތެރޭގައި ދިވެހި އޮނު (Dendrocalamus Strictus bamboo)، ފޭނީ އޮނު (Bambusa Bamboo)، ބޮޑު ކުންނާރު (Ziziphus Mauritiana)، އަދި އަރޮޅި (Terminalia chebula) ފަދަ ގަސްތަކުގެ އޮށް ހިމެނެއެވެ. މި އޮށްތަކަކީ ރާއްޖޭގެ ތިމާވެއްޓަށް އެކަށޭނަ، އަދި ދިގު މުއްދަތަށް ދެމިހުންނާނެ ގަސްތައް އިންދުމަށް ބޭނުންވާނެ މުހިންމު ވަސީލަތެކެވެ.
މި މަޝްރޫޢުގެ ދަށުން ހަދިޔާކުރި މި އޮށްތައް ފުރަތަމަ ނަރސަރީތަކުގައި އިންދައި، ގަސްތައް ވަކިވަރަކަށް ބޮޑުވުމުން ރާއްޖޭގެ އެކި ރަށްރަށަށް ފޮނުވާގޮތައްވަނީ ހަމަޖެހިފައެވެ. މިގޮތަށް ގަސްތައް ބަހާލުމަށް ފަހު ރަށްރަށުގައި ގަސްއިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށާއި، ކާބަން ޑައިއޮކްސައިޑްގެ މިންވަރު ދަށްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ގްރީންހައުސް ގޭސްތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ރޮޓަރީ ކްލަބް އޮފް މާލެއިން މި މަޝްރޫޢަށް ދިން އެހީތެރިކަމަކީ، ދިވެހިރާއްޖޭގެ މުޖުތަމަޢަށް ހެޔޮ ބަދަލުތައް ގެނައުމަށް އެފަދަ ޖަމްޢިއްޔާތަކުން އަދާކުރާ މުހިންމު ދައުރެއް ހާމަވެގެންދާ ކަމެކެވެ.