
ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ނަސީމު އަވަހާރަ ވެއްޖެ
ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ނަސީމު (ރީފް)، ނޮވެންބަރު 26ވަަނަ ދުވަހު ނިޔާވެއްޖެ އެވެ.
ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ނަސީމު (ސނ: 498) އަކީ 1988 ނޮވެންބަރު ތިންވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާގައި މާލެ ތެރޭގައި ހަރަކާތްތެރިވި ހިތްވަރުގަދަ ސިފައިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ.
އެ ދުވަހު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ ނައިބު، އޮނަރަބަލް އިލްޔާސް އިބްރާހީމް މ. ގައްދަޑުގޭގައި އޮންނެވިއިރު، އެ ސަރަހައްދުގެ ސެކިޔުރިޓީ ބެލެހެއްޓެވުމުގައި މުހިންމު ދައުރެއް އަދާ ކުރެއްވިއެވެ. މއ. ކިނބިގަސްދޮށުގެއިން ގެނެސްފައި ހުރި ވަޒަންތައް އެންމެ ފުރަތަމަ މެގަޒިންތަކަށް ފިލްކުރުމުގެ މަސައްކަތް ވެސް ކުރެއްވީ އޭރު ޕްރައިވެޓް ރޭންކުގައި ހުންނެވި ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ނަސީމެވެ.
ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ނަސީމަކީ ދީނީ ކަންތައްތަކަށް ޚާއްޞަ އަޙުމިއްޔަތު ކަމެއް ދެއްވި މަޑުމައިތިރި ބޭކަލެކެވެ. އަދި އަބަދުވެސް ވަރަށް ރީތިކޮށް ޑީސެންޓްކޮށް ހުންނެވި ހަށިހެޔޮ ބޭކަލެކެވެ. އެ ވަގުތަކު ހަވާލުވެ ހުންނަވާ މަސައްކަތެއްގައި ތެދުވެރި އިޚުލާޞްތެރިއެވެ. ކަމަށް ކަމޭހިތުމާއި ވެރިންނަށް އިހުތިރާމުކުރުމުގެ ފުރިހަމަ މިސާލެކެވެ.
މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އެވެ.



