
ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ދެމީހަކު ހައްޔަރުކޯށްފި
ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ކ. ކާށިދޫއިން ދެމީހަކު ހައްޔަރު ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާއަށް ހާމަކޮށްފައިވާ ގޮތުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ކާށިދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
އިތުރު މަޢުލޫމާތު ހާމަކުރަމުން ފުލުހުން ބުނެފައިވަނީ، މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެމްބަރު 18 ވަނަ ދުވަހުރޭގެ ވަގުތެއްގައި ކާށިދޫ އުތުރު އަވަށު ވަލުތެރެއިން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ހައްޔަރުކޮށްފައިވާ ދެމީހުންނަކީ ކ. ކާށިދޫ / ސާދާގެ، އަޙްމަދު ފިރާގު (46އ) އާއި ކ. ކާށިދޫ / ޝަރަފް، ސާލިމް ނަޞީރު (43އ) ކަމަށެވެ.
އެމީހުން ހައްޔަރުކޮށް، އެމީހުންގެ ހަށިގަނޑާއި އެވަގުތު ތިބިތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 110 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި، މިތަކެތީގެ ވަގުތީ ބަރުދަނުގައި 10.6 ގްރާމް ހުރިކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ފިރާޤަށް 7 ދުވަހުގެ މުއްދަތެއް އަދި ސާލިމް ނަޞީރަށް 10 ދުވަހުގެ މުއްދަތެއް ވަނީ ޖަހާދީފަ އެވެ.
މި މައްސަލަ ފުލުހުން މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.



