
ޖިންސީ ގޮތުންނާއި ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށް ރާއްޖެ ދެމިއޮންނާނެ: މިނިސްޓަރ
އިންސާނީ ކާރިސާތަކުގައި ޖިންސީ ގޮތުންނާއި ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށް ރާއްޖެ ދެމިއޮންނާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށް ދާ ”އެންޑިންގ ސެކްޝުއަލް އެންޑް ޖެންޑަރ-ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް“ ކޮންފަރެންސްގައި ސްޓޭޓްމަންޓް ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ އިންސާނީ ކާރިސާތަކުގައި ޖިންސީ ގޮތުންނާއި ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށް ޓަކައި ޘަޤާފީ، އިޖުތިމާޢީ، ފިކުރީ ގޮތުން ވިސްނުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވާ ސިޔާސަތުތައް ނެގެހެއްޓުމުގައި ދިވެހިރާއްޖޭން ދެމިއޮންނާނެ ކަމަށެވެ.
ޖިއޮގުރަފީ ގޮތުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތުންނާއި އޮންނަ ސަރަޙައްދުގެ ގޮތުން ޤުދުރަތީ ކާރިސާތަކަށް ދިވެހިރާއްޖެ ވަރަށް ބޮޑަށް ހުށަހެޅިފައިވާ ކަމަށާއި އެ ގޮތުން 2004ވަނަ އަހަރު ސުނާމީގައި ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އެ ކާރިސާގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިންގެ ފުރާނަ ގެއްލިފައިވާ ކަމަށާއި އެ ފަދަ ކާރިސާތަކަށް ފަހު އިޖުތިމާޢީ ގިނަ މައްސަލަތަކެއް ފެންމަތިވާ ކަމަށާއި އެ ގޮތުން އެ ފަދަ ފަރާތްތައް ޖިސްމާނީ އަދި ޖިންސީ އަނިޔާއަށް ހުށަހެޅޭ ކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ ސިޔާސަތުތަކެއް އެކަށައަޅައިފައިވާ ކަން ބަޔާންކުރައްވައި އެކި ބާވަތުގެ އަނިޔާއާއި ގެވެށި އަނިޔާ ލިބޭ އަންހެނުންނާއި ކުޑަކުދިންނަށް ވަގުތީ ހިޔާތަކާއި މަރުކަޒުތަކުން ރައްކައުތެރިކަން ފޯރުކޮށްދީ، އެ ފަދަ ފަރާތްތަކަށް ސައިކޯސޯޝަލް ސަޕޯޓު ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މި މަހުގެ 23ން 24ށް ކުރިއަށް ދާ މި ކޮންފަރެންސްއަކީ ނޯވޭ، އިރާޤު، ސޮމާލިއާ އަދި އެކުވެރި އަރަބި އިމާރާތުގެ ސަރުކާރާއި، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ)، ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ދި ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯ.ސީ.އެޗް.އޭ) އަދި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ.
އެކި ޤައުމުތަކުގެ ވަޒީރުންނާއި ސަފީރުންނާއި ޤައުމުތަކުގެ މަތީ ފެންވަރުގެ މަންދޫބުންގެ އިތުރުން ބައިނަލްއަޤުވާމީ އޭޖެންސީތަކާއި، މަދަނީ ޖަމަޢާތްތަކުގެ ވެރިން ބައިވެރިވާ މި ކޮންފަރެންސްގެ އަމާޒަކީ އަނިޔާގެ ޝިކާރައަކަށް ވެގެންދާ ފަރާތް ވަކި ޖިންސަކަށް ނިސްބަތްވީތީ އޭނާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތުކުރުން ނައްތައިލުމާއެކު، ހަމަނުޖެހުމުގެ ޙާލަތްތަކުގައި ޖިންސީ ތަފާތު އެކި އަނިޔާތަކުގެ ޝިކާރައަކަށްވެގެން ދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮންނަ ފަރަގު ނައްތައިލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.
މި ކޮންފަރެންސްގައި، ނުރައްކަލަށް ހުށަހެޅޭ މީހުންނަށް ރައްކައުތެރިކަން ފޯރުކޮށްދިނުމުގައި ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާއި، ޖިންސީ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިވުމާއި، އިންސާނީ ކާރިސާތަކުގައި މި ބާވަތުގެ އަނިޔާއަށް ހުށަހެޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރަންވީ ގޮތާއި، އިތުރު މާލީ ވަސީލަތްތައް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ.



