
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 30 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް..
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 30 މައްސަލަ ޖެންޑަރ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައިކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށާއި މި ބާވަތުގެ 12 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 7 މައްސަލައާއި ޖިންސީ ހާނީއްކަކުރުމުގެ 6 މައްސަލައާއި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރެވޭ އަނިޔާގެ 4 މައްސަލައާއި އިހުމާލުވުމުގެ 1 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 14 މައްސަލަވެސް މިދިޔަ މަހު މިނިސްޓްރީއަށް ހުށަހެޅި ކަމަށާއި އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 9 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 5 މައްސަލަ ކަމަށްވެސް ބުންޏެވެ.
ހަމަމިއާއެކު އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 5 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.



