
އެންމެހާ ނުބައި ކަންކަން މަނާކުރުމަކީ ދީނީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް: ޚުޠުބާ
އެންމެހާ ނުބައި ކަންކަން މަނާކުރުމަކީ ދީނީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތް މަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވަނީ މި އުންމަތަކީ އެންމެ ހެޔޮ އުންމަތްކަމުގައި ވެފައިވަނީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ މައްޗައް ކަމަށެވެ.
”ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ދޫކޮށްލުމަކީ އަމާންކަމުން ނާމާންކަމަށް ބަދަލުވާ ކަމެއް. އަދި އެއީ ﷲގެ ކޯފާ ހައްގުވާ އަޅުގަނޑުމެން ކުރާ ދުއާ އިޖާބަވުމަށް ހުރަސް އެޅޭ ކަމެއް“ ޚުޠުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން މުންކަރާތްތައް ނަހީކޮށް ނުބައި ކަންކަން ހުއްޓުވުމަކީ ދީނީ، ޤާނޫނީ، ފަރުދީ އަދި ޖަމާއީ ވާޖިބެއް ކަމަށާއި ނުބައި ކަންކަން ހުއްޓުވުމަށް ފަރުދީ ގޮތުންނާއި ޤައުމީ ފެންވަރުގައި މަސައްކަތްކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.



