
ފޭލި ޖަމިއްޔާގެ ޤުރްއާން މުބާރާތް މި މަހު ބާއްވަނީ..
ބ. އޭދަފުށީ ފޭލި ޖަމިއްޔާއިން ކޮންމެ ރަމަޟާން މަހަކުވެސް ބާއްވަމުން އަންނަ ޤުރްއާން މުބާރާތް މިމަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ބުނީ މި މުބާރާތް ބޭއްވުމަށް ނިނމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި ދެ ގޮތްބަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި 250 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރްއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރުދިނުމުގެ މަޤުޞަދުގައި ބާއްވާ މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ކޮންމެ ބަޔަކުން އެކި އުމުރުފުރާތަކުން އެންމެމޮޅު 5 ބައިވެރިންނާއި މުޅި މުބާރާތުން ދެ ބައިން އެންމެ މޮޅު 3 ބައިވެރިން ހޮވުމަށް ވަނީ ނިންމާފައެވެ. އަދި މުބާރާތުގައި ވާދަކުރާ ކޮންމެ ބައިވެރިއަކަށްވެސް ހަނދާނީ ހަދިޔާއެއް ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގެ ބައިވެރިންގެ ލިސްޓް ފޭލި ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ބަލައި ލެވޭނެ ކަމަށާއި މިއަހަރުގެ މުބާރާތަކީ އެ ޖަމިއްޔާއިން ބާއްވާ 17 ވަނަ މުބާރާތް ކަމަށްވެސް ފޭލި ޖަމިއްޔާއިން ބުނެއެވެ.



