
ވިލިމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް މާދަމާ ބާއްވަނީ..
ވިލިމާލޭ ސާފުކުރުމުގެ ޕްރޮގްރާމެއް މާދަމާ ބޭއްވުމަށް މާލޭސިޓީ ކައުންސިލާއި ވެމްކޯ އަދި ފުލުހުން ތައްޔާރުވެއްޖެއެވެ.
މިއީ ”ސާފު ރާއްޖެ“ ޕްރޮގްރާމްގެ ދަށުން މާލޭ ސިޓީ ކައުންސިލުން ކޮންމެ މަހަކުވެސް މާލޭ ސިޓީގެ ކޮންމެވެސް އެއްސަރަހައްދެއް ސާފުކުރަމުން އަންނަ ސިލްސިލާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މާދަމާގެ ޕްރޮގްރާމާއިބެހޭގޮތުން މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ ވިލިމާލޭގެ ސާފުތާހިރުކަމާއި ސާފުތާހިރުނުވެ ހުރި ތަންތަނަކީ ކޮބަައިތޯ ބަލާ ދިރާސާކޮށްފައިވާ ކަމަށެވެ. އަދި ވިލިމާލެ އިންސްޕެކްޓް ކުރިއިރު އެރަށުން ސާފުކުރަންޖެހޭ ސަރަހައްދުތައް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ވިލިމާލޭ ބީޗް ސަރަހައްދުގައި ކުރިން އަޅާފައި ހުރި ފަތުރުވެރިންގެ ކޮޓަރިތަކާއި ގިނަ ދުވަސްތަކެއް ވަންދެން ސާފު ނުކޮށް ހުރި ތަންތަން ހިމެނޭ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.
ޝިފާ އިތުރަށް ވިދާޅުވީ މާދަމާގެ ސާފުކުރުމުގެ ޕްރޮގްރާމުގައި ވިލިމާލޭގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބޭނޭކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މާދަމާ ހެނދުނު 8:30 ން މެންދުރު 11:30 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ވިލިމާލެ ޕޮލިސް ސްޓޭޝަން ސަރަހައްދުންނެވެ. އަދި މިހަރަކާތުގައި ވެމްކޯ އާއި ފުލުހުންނާއި ބައެއް އަމިއްލަ ޖަމިއްޔާތަކާއި ސްކައުޓް އެސޯސިއޭޝަނާއި ސްކޫލްތަކުންވެސް ބައިވެރިވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ސާފުކުރުން ނިންމާލުމުން ވެމްކޯގެ ޓީމުތައް ކުނިތައް ޖަމާކޮށްފައި ހުރި ސަރަހައްދުތަކުން ކުނިތައް ނަގަމުންދާނެ ކަމަށެވެ.



