
އެލައިޑުގެ އެމްޑީއަކަށް އެ ކުންފުނީގެ ޑީއެމްޑީގެ މަޤާމުގައި ހުންނެވި ޝަފާޒު ހަމަޖައްސައިފި
ރާއްޖޭގެ އިންޝުއަރެންސްގައި އެންމެ ގިނަދުވަސްވީ ކުންފުނި އެލައިޑް އިންޝުއަރެންސްގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ)ގެ މަޤާމަށް އެ ކުންފުނީގެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ)ގެ މަޤާމުގައި ހުންނެވި ޝަފާޒު މުޙައްމަދު ހަމަޖައްސައިފިއެވެ.
އޭނާ މި މަޤާމަށް ހަމަޖެއްސެވީ ފާއިތުވި 5 އަހަރު އެމްޑީގެ މަޤާމުގައި އަޙްމަދު އަމީލް އެ މަޤާމުން އިސްތިޢުފާ ދެއްވުމުން މިއަދުއެވެ. އަމީލް ވަނީ އެ ކުންފުނީގައި 24 އަހަރު މަސައްކަތް ކުރައްވާ އެ ކުންފުންޏަށް ގިނަ ކާމިޔާބީތަކެއް ހޯއްދަވާދެއްވާފައެވެ.
އަލަށް ޢަައްޔަންކުރެއްވި އެމްޑީ ޝަފާޒު ވަނީ އެލައިޑުގައި މަސައްކަތް ކުރައްވާތާ 24 އަހަރަށް ވުރެ ގިނަ ދުވަސްވެފައެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެލައިޑް އިންޝުއަރެންސްގެ އެމްޑީގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރަނީ އެސްޓީއޯގެ ބޯޑުންނެވެ.
ޝަފާޒު އެ މަޤާމަށް ޢައްޔަން ކުރެއްވުމާއިގުޅިގެން އަމީލް ވަނީ ޝަފާޒާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ފޭސްބުކްގައި ޕޯސްޓެއްކުރައްވާފައެވެ. އެ ޕޯސްޓުގައި އަމީލް ވިދާޅުވެފައިވަނީ ޝަފާޒަކީ ކުންފުނި އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ޤާބިލް ބޭފުޅަކަށް ވާނެ ކަމަށެވެ.
އެލައިޑް އިންޝުއަރެންސްގެ 34 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާ އިރު، ފާއިތުވި 5 އަހަރުގެ ތެރޭގައި އެކުްނފުނީގެ ވިޔަފާރި 112 އިންސައްތަ ކުރިއަރާފައިވާ ކަމަށް އެ ކުންފުނިން އެ ކުންފުނިން ބުނެއެވެ.
އެގޮތުން ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ 120 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް ވަނީ ބުނެފައެވެ.



