
މާލެ ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން މާލެ ސިޓީ ކައުންސިލަށް ގަސްތައް ޙަވާލުކޮށްފި
މާލެ ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން މާލެ ސިޓީ ކައުންސިލަށް ގަސްތައް ޙަވާލުކޮށްފިއެވެ.
އެގޮތުން 2700 އަށްވުރެ ގިނަ ގަސް މާލެ ސިޓީ ކައުންސިލަށް ޙަވާލުކުރުން އޮތީ މިއަދު އެކަމަށްޓަކައި ތައިސޭ ކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލާއި ގަސްތައް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ޙަސަނެވެ. މާލެ ސިޓީ ކައުންސިލުގެ ފަރާތުން ގަސްތަކާއި ޙަވާލުވެލެއްވީ މާލެ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދެވެ.

މަގުތަކުގައި އިންދަން ހަމަޖައްސާފައިވަނީ ރާއްޖޭގައި މިހާރުވެސް ޢާންމުކޮށް ހުންނަ އެކި ވައްތަރުގެ ގަސްގަހެވެ. އޭގެތެރޭގައި ހިތި ގަހާއި ބޮޑު ޖަވާހިރު ފަދަ ބޮޑެތި ގަސްތައް ހިމެނެއެވެ. ގަސްތައް އިންދުމުގައި އިސްކަންދެވޭނީ މާލެ ފަދަ މާހައުލަކާއި ގުޅޭ ވައިސާފުކުރާފަދަ ގަސްތަކަށެވެ.
ބޮޑުތަކުރުފާނު މަގު އަލުން ހަދާފައިވަނީ ގަސް އިންދާނެ ވަކި ތަންތަން ޚާއްޞަކޮށްފައެވެ. އެގޮތުން ޕޮޓްތަކުގައި އިންދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މާހައުލުން މަދުވެފައި ހުރި މީރުވަސް ދުވާ މާ ގަސްތައް ކަމަށްވާ ކަރަންކާ މަލާއި ޗަމްޕާ ޕޫލް ފަދަ މާ ގަސްތައް ހިމެނެއެވެ.
މުޅި ރާއްޖެ ފެހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން މި މިނިސްޓްރީއިން ވަނީ މުޅި ރާއްޖެ ފެހިކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައެވެ. މި ޕްލޭން ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.



