ގާދޫ ފުޓްސަލް ޗެލެންޖް 2018: ގަދަ ދެ ބާރު ވަރުގަދަ ހިފުމަކަށް މިއަދު ނިކުންނަނީ !
ލ. ފޮނަދޫ ފިޔަ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފޮނަދޫގައި މިހާރު ކުރިޔަށްގެންދާ ”ގާދޫ ފުޓްސަލް ޗެލެންޖް 2018“ ގައި އެންމެ ފޯރިގަދަ ކުރިމަތިލުމަކަށްވާނީ މިއަދު ހޭޅި އެފްސީ އާއި ޗެމްޕިއަންސް އެފްސީގެ ކުރިމަތިލުމެވެ. މިފަހަރުގެ މި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއްޓީމުގެ ގޮތުގައި ގިނަބަޔަކު ދެކޭ އަދި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައިވާ ހޭޅި އެފްސީ ކުޅޭ ކޮންމެ މެޗަކީވެސް ފޯރިގަދަ މެޗަކަށްވެގެންދާނެއެވެ. އެގޮތުން މި މުބާރާތުގައި އުފެދިފައިވާ ވާދަވެރިކަމަކީ މިދެޓީމު ކުޅޭ މެޗްތައް ފޯރިގަދަ ވުމަށް ދިމާވާނެ ސަބަބެކެވެ.
މިހެން މިކަން އޮތް ނަމަވެސް އިއްޔެ ހޭޅި އެފްސީ ކުޅުނު ފުރަތަމަ މެޗުގައި ކަންތަށް ދިމާކުރީ ހީކުރިގޮތާ މުޅީން ޚިލާފަށެވެ. އެގޮތުން ތާވަޅޭ އެފްސީ އާއި ވާދަކޮށް 2-4 އިން ބަލިވި ބަލިވުން ވެގެން ދާނީ ހޭޅިު އެފްސީއަށް ގަބޫލުކުރަން ދަތިވި ކަމަށެވެ. އެހެނީ އެ ނަތީޖާ އަކީ އެޓީމު އުންމީދު ކުރި ނަތީޖާއެއް ނޫނެވެ. އެޓީމުގެ ވެސް އަދި މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކުންވެސް މަސައްކަތް ކުރާނީ ތަށި ހޯދުމަށްކަން ޔަގީނެވެ.
އެހެން ކަމުން މިއަދުގެ މެޗަކީ ހޭޅި އެފްސީއަށް މޮޅުވުން ވަރަށް މުހިންމު މެޗަކަށް ވާނެއެވެ. ލީގު އުސޫޅުން ކުޅެމުންދާ މި މުބާރާތުގެ ފައިނަލަށް ހޮވޭނީ ޕޮއިންޓުގެ ގޮތުން އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ. އެހެން ކަމުން ރަނގަޅު ހިސާބަކަށް ދިއުމަށް 3 މެޗުން މޮޅު ހޯދުމަކީ މުހިންމު ކަމެކެވެ.
މިއަދު ދެޓީމު މެޗަށް ނިކުންނައިރު ދެޓީމުގެ ކޯޗުންގެ މެދުގައި ބަހުގެ ޙަމަލާތައްވަނީ ބަދަލު ކުރެވިފައެވެ. އެއްކޯޗަކު އަނެއް ކޯޗަކަށް އަރާރުންވެ މެޗްގެ ފޯރިވަނީ އިތުރަށް ގަދަވެފައެވެ.
މިއަދު ފުރަތަމަ މެޗުގައި ބައްދަލުކުރާ ތާވަޅޭ އެފްސީ އާއި ރޯޔަލް އެފްސީގެ މެޗަކީވެސް ފާހަގަ ކޮށްލެވޭނެ މެޗަކަށް ވެގެންދާނެއެވެ. އެގޮތުން ތާވަޅޭ އެފްސީ ކުޅުނު ދެމެޗުން މޮޅު ހޯދައި ފައިނަލުގެ ޖާގައަކާއި ގާތަށް ޖެހިލާފައިވާއިރު، މިއަދުގެ މެޗުން އެޓީމު މޮޅުވެއްޖެނަމަ ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ޔަގީންވެގެންދާނެއެވެ. މިފަހަރުގެ މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއްޓީމަކީ ތާވަޅޭ އެފްސީއެވެ. އެގޮތުން މިވަގުތު ޕޮއިންޓް ތާވަލަށް ބަލާ އިރުވެ އެންމެ ކުރީގައި އޮތީވެސް ތާވަޅޭ އެފްސީ ކަން ފާހަގަކޮށްލެވެއެވެ.
މިއަދު ހަވީރު ކުޅޭ މެޗުތަށް :
16:10 ގައި ރޯޔަލް އެފްސީ އަދި ތާވަޅޭ އެފްސީ
17:00 ގައި ހޭޅި އެފްސީ އާއި ޗެމްޕިއަން އެފްސީ