އޭޑީކޭ މުވައްޒަފުންނާއި ޢާއިލާތަކަށް އުރަމަތީގެ ކެންސަރު ސްކްރީނިންގ ހިންގަނީ
އޭޑީކޭ މުވައްޒަފުންނާއި ޢާއިލާތަކަށް އުރަމަތީގެ ކެންސަރު ސްކްރީނިންގ ހިންގުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވެއްޖެއެވެ.
މމި މަހުގެ ނިޔަލަށް އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވައި ހިލޭ ސްކްރީން ކޮށްދޭން އޭޑީކޭ ހޮސްޕިޓަލުން ނިންމާފައިވާ އިރު، އޭނާ ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންނާއި އެ މީހުންގެ ޢާއިލާތަކަށްވެސް ސްކްރީނިންގ ހިންގާނެ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްޞީލެއް ނުދެއްވައެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އުރަމަތީގެ ކެންސަރު ދެނެގަންނަން ދަސްކޮށްދޭނެ ކްލާސްތަކެއް ނަގައިދިނުމަށްވެސް އޭޑީކޭ އިން އަންނަނީ ތައްޔާރުވަމުން ކަމަށާއި އެ ކްލާސްތަކާއި ބެހޭ އިތުރު މަޢުލޫމާތު ފަހުން ޢާންމުކުރާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަސް އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރަން ބައިނަލްއަޤުވާމީ ގޮތުން ހަމަޖައްސާފައިވާ އިރު، ރާއްޖޭގައިވެސް އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.