
ކޮޕް31 ސަމިޓް ނާކާމިޔާބުވެއްޖެ
ބިމުން ނަގާ ތެލާ ގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވުމުން ކޮޕް31 ސަމިޓް ނާކާމިޔާބުވެއްޖެ އެވެ.
ބިމުން ނަގާ ހަކަތައިގެ ބާވަތްތަކާ (ފޮސިލް ފިއުލް) މެދު ސީދާ ގޮތެއްގައި އަލިއަޅުވާލާފައި ނުވާތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޕެނަމާގެ އިތުރުން އެހެން ބައެއް ޤައުމުތަކުން އެންމެ ފަހުގެ ހުށަހެޅުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ތުރުކީވިލާތުގައި ބޭއްވި ކޮޕް31 މޫސުމީ ސަމިޓް އެއްވެސް އެއްބަސްވުމަކާ ނުލައި ނިމިގެން ދިޔައީ ބިމުން ނަގާ ތެލާއި ގޭހުގެ ބޭނުން ކުރުން ހުއްޓާލުމާ މެދު ސާފު ގޮތްތަކެއް ކަނޑައަޅާފައި ނެތުމާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެކަށީގެންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހެޅި އިސްލާހުތައް އީޔޫ އާއި އެހެނިހެން ބައެއް ޤައުމުތަކުން ޤަބޫލުނުކުރުމާ ގުޅިގެންނެވެ.
ކޮޕް31 ގެ ރައީސް މުރާތު ކުރުމް ވިދާޅުވީ މަޝްވަރާތަކުން އެންމެން އެއްބަސްވާ ފަދަ ނަތީޖާއެއް ނެރެވިފައި ނުވާތީ ހުށަހެޅުނު ނިންމުންތައް ފާސްނުވާ ކަމަށެވެ.
ސަމިޓް ނިންމުމުގެ ޖަލްސާގައި އޭނާ ވިދާޅުވީ ހުށަހެޅިފައިވާ ލިޔުމާ މެދު ބައެއް ޤައުމުތަކުން ދެކޮޅު ހަދާކަން ސާފުވާ ކަމަށާއި އެންމެންގެ އިއްތިފާގު ނުލިބޭތީ އެ ނިންމުންތައް ބަލައިނުގަނެވޭނެ ކަމަށެވެ.
”އަޅުގަނޑުމެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރީން. މި ލިޔުން އެއްވެސް ބަޔެއްގެ މައްޗަށް މަޖުބޫރެއް ނުކުރަން އަދި މިއީ ގަބޫލުކުރަން ޖެހޭނެ އެންމެ ފަހުގެ ނިންމުން ކަމަށް ބުނެ އެއްވެސް ފަރާތަކަށް ބިރުދައްކާފައެއް ނުވާނެ،“ އޭނާ އިތުރަށް ވިދާޅުވި އެވެ.
ހުށަހެޅިފައިވާ ’އަންޓަލްޔާ ޕެކްޓް‘ ނުވަތަ އެއްބަސްވުމާ ރަސްމީކޮށް ދެކޮޅު ހެދި ޤައުމުތަކުގެ ތެރޭގައި އީޔޫ، މާޝަލް އައިލެންޑްސް، ޕެނަމާ، ނޯވޭ އަދި ވަނުއާޓޫ ހިމެނެ އެވެ.
ހުކުރު ދުވަހު ނިންމުމަށް ކުރިން ތާވަލުކުރި ނަމަވެސް އެއްބަސްވުމާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލުކުރުމަށްޓަކައި އާދީއްތަ ދުވަހާ ހަމައަށް މަޝްވަރާތައް ދިގުދެމިގެން ދިޔަ އެވެ.
ދެ ހަފުތާއަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ މި މަޝްވަރާތަކަށްފަހު އެއްބަސްވުމަކަށް ނާދެވި ސަމިޓް ނިމިގެންދިޔައިރު މިއީ އދ. ގެ މޫސުމީ ބައްދަލުވުންތަކުގެ ތާރީޚުގައި އެންމެ ދިގުލައިގެންދިޔަ ސަމިޓެވެ.
އީޔޫގެ ފަރާތުން ވާހަކަދައްކަވަމުން އަޔަލޭންޑްގެ ކްލައިމެޓް މިނިސްޓަރު ޑަރާ އޯބްރަޔަން ’އަންޓަލްޔާ ޕެކްޓް‘ ރަސްމީކޮށް ބޭރުކޮށްލެއްވީ މޫސުމީ ކާރިސާއާ ކުރިމަތިލުމަށް ބޭނުންވާ އަވަސް ފިޔަވަޅުތައް އެ އެއްބަސްވުމުގައި ނެތް ކަމަށް ވިދާޅުވަމުންނެވެ.
އޭނާ ވިދާޅުވީ ސައިންސާ އެއްގޮތަށް ކަންކަން ނިންމުމުގެ ބަދަލުގައި ދުނިޔޭގެ ޤައުމުތަކުން ވެފައިވާ އިލްތިޒާމުތަކާއި އަމަލީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ދެމެދު އޮތް ފަރަގު ބޮޑުވާނެ ފަދަ ނިންމުމަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ. އަދި ބިމުން ނަގާ ހަކަތައިގެ ބާވަތްތަކުގެ (ފޮސިލް ފިއުލް) ވާހަކަ އެއްބަސްވުމުގައި ފާހަގަކޮށްފައި ނުވާތީ އެކަމަށް އޭނާ ފާޑުވިދާޅުވި އެވެ.
މި ހިޔާލުތަފާތުވުންތަކުގެ މައިގަނޑު ސަބަބަކީ 2023 ވަނަ އަހަރު ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓުގައި ކޮލާއި، ތެލާއި، އަދި ގޭސް ބޭނުންކުރުން ހުއްޓާލުމަށް ގައުމުތަކުން އެއްބަސްވެފައިވީ ނަމަވެސް، މި ފަހަރުގެ އެއްބަސްވުމުގައި އެކަން ސީދާ ގޮތެއްގައި ހިމަނާފައި ނުވުމެވެ.
ސަމިޓުގެ އެންމެ ފަހުގެ ދެލިކޮޕީގައި ދުބާއީ އެއްބަސްވުން ހިމެނޭހެން ކުރީގެ ނިންމުންތަކަށް ރިއާޔަތްކޮށްފައިވީ ނަމަވެސް ބިމުން ނަގާ ހަކަތައާ ގުޅޭގޮތުން ސީދާ އިބާރާތެއް ހިމަނާފައެއް ނުވެ އެވެ.
މީގެ އިތުރުން ކާބަން ކެޕްޗާ އެންޑް ސްޓޯރޭޖް (ދުންގަނޑުން ކާބަން ވަކިކޮށް ރައްކާކުރުން) ފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމަށް ހިމަނާފައިވާ މާއްދާތަކަށްވެސް ފާޑުކިޔުން އަމާޒުވި އެވެ.
ތެޔޮ އުފައްދާ ޤައުމުތަކުން މި ޓެކްނޮލޮޖީއަށް ބާރުއެޅި ނަމަވެސް ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނަނީ މިއީ ބިމުން ނަގާ ތެލާއި ގޭސް އުފެއްދުން އިތުރަށް ދެމެހެއްޓުމަށް ބޭނުންކުރާ އުކުޅެއް ކަމަށެވެ.



