
އިސްރާއީލުން ސޫރިޔާގައި އަސްކަރީ އޮޕަރޭޝަނެއް ހިންގަފާނެކަމުގެ އިންޒާރު ތުރުކީން ދެނީ ކީއްވެ؟
ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވި ގޮތުގައި ސޫރިޔާގެ ސިފައިންނަށް ޖެއްސުންކޮށް އެޤައުމަށް އަރައިގަތުމަށް ބަހަނާއެއް ދެއްކުމުގެ ގޮތުން އިސްރާއީލުން ސޫރިޔާގެ ދެކުނުގައިވާ ދުރޫޒު ހަނގުރާމަވެރި ޖަމާއަތަކަށް ކޮންމެ ހަފުތާއަކު ހަތިޔާރު ފޯރުކޮށްދެމުންދެ އެވެ. އަދި މިކަމާ ގުޅިގެން އަންކާރާއިން ވޮޝިންޓަނަށް އިންޒާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތުރުކީގެ ޓީޖީއާރުޓީ ޚަބަރު ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ފިދާން ވިދާޅުވީ ސޫރިޔާގެ ދުރޫޒު ދަރިކޮޅުގެ ތެރެއިން ވަކި ބަޔަކަށް އިސްރާއީލުން އެހީތެރިވަމުންދާ ކަމަށާއި މިއީ ސޫރިޔާއާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފެށުމަށް އިސްރާއީލުން ރާވަމުންދާ ރޭވުމެއް ކަމަށް ބެލެވޭ ކަމަށެވެ.
މި ކަންބޮޑުވުންތައް ސަރަހައްދީ ޤައުމުތަކާއި އެމެރިކާ އަދި ޔޫރަޕްގެ އޮފިޝަލުންނާ ވެސް ހިއްސާކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
”މިއީ އިސްރާއީލުގެ އަސްކަރިއްޔާއިން ސޫރިޔާއާ ދެކޮޅަށް އޮޕަރޭޝަނެއް ފެށުމަށް ބަހަނާއެއްގެ ގޮތުގައި ބޭނުންކޮށްފާނެ ހާލަތެއް،“ ފިދާން ވިދާޅުވި އެވެ.
ޚާރިޖީ ވަޒީރު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި ސޫރިޔާގެ ދުރޫޒު ދަރިކޮޅުގެ ތިން ބޮޑު ޤަބީލާގެ ތެރެއިން އިސްރާއީލުން އެހީތެރިވަނީ އެންމެ ޤަބީލާއަކަށެވެ.
އަނެއް ދެ ޤަބީލާއަކީ ސޫރިޔާ ސަރުކާރަށް ތާއީދުކުރާ އަދި އިސްރާއީލާ ދެކޮޅު ބައެކެވެ.
އިސްރާއީލުން ހެލިކޮޕްޓަރުގައި ކޮންމެ ހަފުތާއަކު އެ ގުރޫޕަށް ހަތިޔާރާއި ވަޒަން ފޯރުކޮށްދެނީ ސޫރިޔާ ސަރުކާރުގެ ސިފައިންނާ ކުރިމަތިލުންތަކެއް އުފައްދައި އެކަމުގެ ތެރެއިން އިސްރާއީލަށް އަސްކަރީ ގޮތުން ސޫރިޔާއަށް ވަނުމުގެ ފުރުސަތު ހޯދުމަށެވެ.
އެޓްލާންޓިކް ކައުންސިލްގެ ސީނިއާ ފެލޯ އޮމަރު އޮޒްކިޒިލްސިކް ވިދާޅުވި ގޮތުގައި ތުރުކީގެ މި އިންޒާރަކީ އިސްރާއީލުން ސޫރިޔާގެ ދެކުނުގައި ނުރައްކާތެރި ފިޔަވަޅެއް އެޅުމުގެ ކުރިން އެކަން ހުއްޓުވުމަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
ފިދާންގެ މި އިންޒާރު އައިސްފައިވަނީ ސޫރިޔާގެ ދެކުނުގައި އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ސުވައިދާ ޕްރޮވިންސަކީ ދުރޫޒު ދަރިކޮޅުގެ މީހުންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދެކެވެ.
އެތަން މިހާރު ހިންގަމުންދަނީ އިސްރާއީލަށް ތާއީދުކުރާ ކަމަށް ފާޅުގައި ވިދާޅުވެފައިވާ ރޫހާނީ ލީޑަރު ޝައިޚް ހިކްމަތު އަލް ހިޖްރީގެ ބެލުމުގެ ދަށުންނެވެ.
އެ ސަރަހައްދުގެ ގިނަ ހަނގުރާމަވެރި ގުރޫޕުތަކަކީ އިސްރާއީލުގެ އެހީތެރިކަމާއެކު އުފައްދާފައިވާ ”ސުވައިދާ ނޭޝަނަލް ގާޑް“ އިއްތިހާދުގެ ބައިވެރިންނެވެ.
މިދިޔަ ޖުލައި މަހު އަލް ހިޖްރީ ވަނީ ސުވައިދާގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެ ސަރަހައްދު އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސިދާނެ ކަމަށް އިޝާރާތް ކުރައްވާފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުގެ ހެލިކޮޕްޓަރުތަކުން ސުވައިދާގެ އެކި ހިސާބުތަކަށް ޖާސޫސީ އާލާތްތަކާއި ރޭޑާ ސިސްޓަމްތަކާއި ސްނައިޕަރ ބަޑި ފަދަ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ. އަދި އޮކްޓޯބަރު މަހުގެ ތެރޭގައި އިސްރާއީލުގެ ހެލިކޮޕްޓަރެއް ސުވައިދާއަށް ޖައްސައި ބޮޑެތި އަދަދުތަކުން ހަތިޔާރާއި ވަޒަން ފޯރުކޮށްދީފައިވާ ކަމަށް ސޫރިޔާ ސަރުކާރުގެ އިސް އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އޮޒްކިޒިލްސިކް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުގެ ހެލިކޮޕްޓަރުތައް ސުވައިދާއަށް ދިއުމާއި އިސްރާއީލު އަސްކަރިއްޔާގައި ހިމެނޭ ދުރޫޒު ދަރިކޮޅުގެ އިސް ކޮމާންޑަރުން އެ ސަރަހައްދަށް ޒިޔާރަތްކޮށް އާއިލާތަކާ ބައްދަލުކުރާ ކަމަށް ލިބޭ ރިޕޯޓްތަކަކީ އެ ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވަމުންދާކަމުގެ ހެކިތަކެކެވެ.
”އެތަނުގައި ކަންތައްތަކެއް ރޭވެމުންދާކަން ފާހަގަކުރެވޭ، ނަމަވެސް އެކަމުގެ ނަތީޖާއާ މެދު ސީދާ އެއްޗެއް ބުނަން އަދި މާ އަވަސް،“ އޭނާ ވިދާޅުވިއެވެ.



