ދިރާގުގެ 30 އަހަރުގެ ޚިދުމަތާއެކު ކަސްޓަމަރުންނަށް ޕްރޮމޯޝަންތަކާއި ހަދިޔާތައް ދެނީ..
ދިރާގުގެ 30 އަހަރުގެ ޚިދުމަތާއެކު ކަސްޓަމަރުންނަށް ޕްރޮމޯޝަންތަކާއި ހަދިޔާތައް ދިނުމަށް ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބުގައިދޭ ބޮޑެތި ހަދިޔާތަކުގެ ތެރޭގައި ދިރާގުން ނަސީބުވެރި 30 ފަރާތަކަށް ބޭނުން 30 މަންޒިލަކަށް ހުރިހާ ޚަރަދެއް ހިމެނޭ ދަތުރެއް ލިބުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ގުރުވަތުން ހޮވާ މި އަގު ހުރި އިނާމު ހޯދުމަށް ދިރާގު ހުރިހާ ކަސްޓަމަރުންނަށްވެސް ބައިވެރި ވެވޭނެ ކަމަށެވެ.
މި ގުރުވަލުމުގައި ބައިވެރިވުމަށް ކަސްޓަމަރުން އެއްވެސް ކަމެއް ކުރަން ނުޖެހޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
ރާއްޖޭގެ މުވާޞަލާތީ ޚިދުމަތުގެ އެންމެ ގިނަދުވަސްވީ ކުންފުނިން ބުނީ އަހަރީދުވަހުގެ މުނާސަބަތުގައި ދިރާގުގެ ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ފެށުނު އޮކްޓޯބަރ މަހު 30އިންސައްތަ އިތުރު ޑޭޓާ ހަދިޔާ ކުރަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް 1 ޖީބީ ޑޭޓާ މުޅިން ހިލޭ ދިމުނަށް ނިންމާފައިވާ ކަމަށެވެ.
މި ޑޭޓާ ޕެކް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ހޯއްދެވޭނެ ކަމަށާއި އެސްއެމްއެސް މެދުވެރިކޮށް މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރެއްވުމަށް އެސްއެމްއެސް ފޮނުއްވާނީ “ADD D1GB” ޖައްސަވާފައި 343 އަށް ކަމަށްވެސް ދިރާގުން ބުންޏެވެ.
މި ޑޭޓާ ޕެކް އޮކްޓޯބަރ 1 އަދި އޮކްޓޯބަރ 3 އަށް އެކްޓިވޭޓް ކުރެއްވޭނެ ކަމަށާއި އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ބޭނުން ކުރެއްވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އަހަރީ ދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައިވެސް ވަނީ ޕްރޮމޯޝަނެއް ފަށާފައިވާ އިރު، ދިރާގު ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމްގައި ދިރާގުގެ އަހަރީ ދުވަހުގެ ޕްރޮމޯ ޕޯސްޓަށް، ފޭސްބުކްގައި ނަމަ ”ހާރޓް ރިއެކްޓް“ ، ޓުވިޓަރ ގައި ”ފެވަރިޓް“ އަދި އިންސްޓަގްރާމްގައި ނަމަ ”ލައިކް“ އެއް ދެއްވުމުން ނަސީބުވެރި 30 ފަރާތަކަށް ގޫގްލް މިނި ހޯމް އެއް ލިބުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ދިރާގުން ބުނާ ގޮތުގައި އަހަރީ ދުވަހުގެ މި ހަދިޔާ ތަކާއި ޕްރޮމޯޝަން ތަކަކީ ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުންނާއި ދިރާގާއެކު ކަސްޓަމަރުން ތިބުމުން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންދޭ ހަދިޔާ ކަމަށެވެ.
އެ ކުންފުނީގެ 30 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުންފުނީގެ މުވައްޒަފުންނަށް ވަނީ ދިރާގު ހެޑް އޮފީހުގައި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ދިރާގުގެ ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި ވަރަށް ފޯރިގަދަ ހަރަކާތްތަކެއް ކުލަ ގަދަ ގޮތެއްގައި ބާއްވާފައެވެ.