
ހަށިގަނޑުތެރޭގައި ފޮރުވައިގެން ގެންދަންއުޅުނު 5 މިލިއަނެއްހާ ރުފިޔާގެ ރަން އަތުލައިގަނެފި
ރާއްޖޭން ބަންގަލްދޭޝަށް ދިޔަ، ބަންގްލަދޭޝް ދެ މީހެއްގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުރި ފަސް މިލިއަނެއްހާ ރުފިޔާގެ ރަން އަތުލައިގެންފި އެވެ.
ރާއްޖެއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކުރި ދެ މީހުންގެ ފުރަގަސްފަރާތުގައި ފޮރުވައިގެން ގެންދިޔަ ރަންތައް އަތުލައިގެންފައި ވަނީ ބަންގްލަދޭޝްގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން ޑައިރެކްޓްރޭޓް (ސީއައިއައިޑީ) އިންނެވެ.
ބަންގްލަދޭޝްގެ ’ނިއު އޭޖް’ގައި ރިޕޯޓުކޮށް ބުނެފައިވަނީ، ޑާކާގައި ހުންނަ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މި ރަނުގެ ބަރުދަނުގައި 2.73 ކިލޯ ހުރިކަމަށާއި، އޭގެ މަގުމަތީ އަގަކީ 4 ކްރޯޑް ޓާކާ (ގާތްގަނޑަކަށް 5 މިލިއަން ދިވެހި ރުފިޔާ) ކަމަށެވެ. އަދި މި ތަކެތި އަތުލައިގަތީ މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މީގެއިތުރުން އަތުލައިގަތް މީހުންގެ ތެރެއިން ކޮންމެމީހެއްގެ ހަށިގަނޑުން ރަނުގެ ތިން ގަނޑު (ޖުމްލަ ހަ ގަނޑު) ނަގާފައިވާ ކަމަށާއި، މި ދެމީހުން ޑާކާއަށް ދިޔައީ ޔޫއެސް-ބަންގްލާ އެއާލައިންގެ ފްލައިޓަކުން އެދުވަހުގެ ހަވީރު 6:15 ގައި ކަމަށް ބަންގްލަދޭޝް ކަސްޓަމްސްއާއި ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.
ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ އަތުލައިގަތް ރަން މިހާރު ވަނީ ރައްކާތެރިކަމާއެކު ބަހައްޓައިފައިވާ ކަމަށާއި، މި ދެ ފަސިންޖަރުން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާ އުފުލުމުގެ މަރުހަލާ ފަށާފައިވާ ކަމަށެވެ.



