
ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑަށް ޖަލު ހުކުމެއް
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވުމުން ޖަލު ހުކުމެއް އިއްވައިފި އެވެ.
ދީނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ، ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއްނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގައެވެ. މިމައްސަލައިގައި އޭނާގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިމަހު12 ވަނަ ދުވަހު އެވެ.
މި މައްސަލައިގައި ހުކުމް އިއްވުމަށް ބޭއްވި މަޖިލީހުގައި ދީނާގެ ދިފާއީ ވަކީލުން ވަނީ މި ކުށުގެ އަދަބުގެ ގޮތުގައި ގޭބަންދަށް ބަދަލުކޮށް ޖޫރިމަނާ ކޮށްދިނުމަށް އެދިފަ އެވެ. އެފަރާތުން ބުނެފައި ވަނީ ދައުވާ ލިބޭ ފަރާތަކީ ޖަލު ބަންދުގައި ހުންނަން ޖެހޭ ފަރާތެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި ސިއްޙީ ހާލަތު ހުރިގޮތުން ޖަލުގައި ހުރުމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށާއި، އެކަންކަން އަންގާ ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށްވެސް ދިފާއީ ވަކީލުން ވިދާޅުވިއެވެ. އެހެންކަމުން ޖަލު އަދަބު ފިޔަވައި އިތުރު އަދަބެއް ކަނޑައެޅުމަށް ޤާނޫނު ތަންދޭކަމަށް ވަނީ ބުނެފަ އެވެ.
މިކަމާއި ދައުލަތުން ބުނެފައިވަނީ ދީނާއަކީ ދައުލަތުގެ އިދާރާއެއްގެ އިސް މަޤާމެއް އަދާކުރި ފަރާތަކަށްވާތީ އޭނާގެ އަދަބު ބޮޑުކުރެވިދާނެކަމަށެވެ. ނަމަވެސް އޭނާއަކީ ކުޑަކުދިންތަކެއް ބަލަމުންދާ މީހަކަށްވާތީއާއި، މީގެކުރިން ކުށުގެ ރެކޯޑެއް ނެތް ފަރާތަކަށްވާތީ އެއީ އަދަބު ލުއިކޮށްދެވިދާނެ ހާލަތްތަކެއްގެ ގޮތުގައި ދައުލަތުން ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.
މިހުށަހެޅުމާއިމެދު ޝަރީއަތް ބެލެހެއްޓެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދު ވިދާޅުވީ، ދީނާއަކީ ޖަލު ބަންދުގައި ނުބެހެއްޓޭނެ ފަދަ ސިއްޙީ ހާލަތެއް ހުރި ފަރާތެއްކަން އެނގޭނެ ލިޔުމެއް އޭނާގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ސާބިތުވި ކުށަކީ، ޖިނާއީ ބޮޑު ކުށެއް ކަމަށްވާތީ 1 އަހަރާއި 7 މަހާއި 11 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ޙުކުމް ކުރައްވާފަ އެވެ.
މި މައްސަލައިގައި ދައުލަތުން ދީނާގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފަ އެވެ. އަދި އޭނާގެ މައްޗަށްވެސް ކުށް ސާބިތުވެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.



