
ސީރިޔާ އާއި އުރުދުން ގުޅޭ ”ނަސީބު“ ބޯޑަރު ބަނދުކޮއްފި
ސީރިޔާގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން އުރުދުންއާ ގުޅޭ މައި ބޯޑަރު ބަންދުކޮށްފި އެވެ.
ދަރްޢާ ޕްރޮވިންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސީރިޔާ އާއި އުރުދުން ގުޅޭ ”ނަސީބު“ ބޯޑަރު ހުރަސްކުރާ މަގު އަންގާރަ ދުވަހު ސީރިޔާއިން ބަންދުކޮށްފި އެވެ.
ސީރިޔާގެ ޖެނެރަލް އޮތޯރިޓީ ފޯ ބޯޑަރ ކްރޮސިންގްސް އެންޑް ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނިންމުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރާ މީހުންނާއި މުދާ އުފުލާ އުޅަނދުފަހަރުގެ ދަތުރުތައް މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ.
މި ބޯޑަރު ބަންދުކޮށްފައި މިވަނީ އުރުދުންގައި މިދިޔަ ހަފުތާގައި ފައްޅިއަކަށް ދިން ނުރައްކާތެރި ހަމަލާގެ ފަހަތުގައި ތިބި މީހުންނަކީ ސީރިޔާގެ ދެކުނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން އޮތް ބައެއް ކަމަށް ބުނެ އުރުދުންގެ ވައިގެ ސިފައިން އެ ސަރަހައްދުތަކަށް ހަމަލާތަކެއް ދީފައިވަނިކޮށެވެ.
ނަސީބު ބޯޑަރަކީ އުރުދުން އާއި ސީރިޔާއާ ދެމެދު މީހުން ދަތުރުކުރުމަށާއި ވިޔަފާރި މުދާ އުފުލުމަށް ބޭނުންކުރާ ހަމައެކަނި ބޯޑަރު ހުރަސްކުރާ މަގެވެ.
ސީރިޔާގެ ދެކުނުގެ ސަރަހައްދުތަކަށް ހޯމަ ދުވަހު ދިން ނުރައްކާތެރި ހަމަލާތަކަކީ އެ ޤައުމާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި އުރުދުންއިން ދީފައިވާ ހަމަލާތަކެއް ކަމަށް ސީރިޔާ ސަރުކާރުން ވަނީ ބުނެފަ އެވެ.
ސީރިޔާގެ ރަސްމީ ނިއުސް އެޖެންސީ ”ސަނާ“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުރުދުންއިން ކުރިއަށްގެންދިޔަ މި އަސްކަރީ އޮޕަރޭޝަނާ ގުޅޭގޮތުން ސީރިޔާގެ ކަމާބެހޭ ފަރާތްތަކާއެކު ދުރާލައި އެއްވެސް މަޝްވަރާއެއް ކޮށްފައެއްނުވެ އެވެ.
ސީރިޔާގެ ކަމާބެހޭ އިދާރާތަކުން މި ހަމަލާތައް ތަޙްޤީޤް ކުރަމުންދާ ކަމަށާއި ބޯޑަރު ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން އުރުދުންގެ ވެރިރަށް އައްމާނުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސީރިޔާގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ސަނާ އިން ބުނެފައިވަނީ ސީރިޔާގެ ސަރަހައްދުގެ ތެރޭގައި އެއްވެސް މަޝްވަރާއެއް ނެތި ހިންގާ މިފަދަ އަމަލުތަކާ މެދު އިންތިހާއަށް ކަންބޮޑުވާކަން އުރުދުންއަށް އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން މި ހާދިސާގެ ސަބަބުން ކުރިމަތިވެފައިވާ ނަތީޖާތަކަށް ހައްލެއް ހޯދުމަށާއި ސީރިޔާގެ ސަލާމަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށްޓަކައި އުރުދުންއާއެކު މުއާމަލާތްތަކާއި މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ސީރިޔާއިން ބުނެފައިވެ އެވެ.



