
ދިރާގު ރޯޑް ރޭސް ނޮވެމްބަރ މަހު ބާއްވަން ނިންމައިފި
”ދިރާގު މޯލްޑިވްސް ރޯޑް ރޭސް“ މި އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާކަމަށް ދިރާގުން ބުނެފިއެވެ.
އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އެކުންފުނިން ބާއްވާ ”12 ވަނަ ދިރާގު މޯލްޑިވްސް ރޯޑް ރޭސް“ ބާއްވާނީ ނޮވެމްބަރ މަހުގެ 2 ވާ ހުކުރު ދުވަހު ކަމަށެވެ. އަދި މި އިވެންޓުގައި ބައިވެރިވުމުގެ ފުރުޞަތު މި ސެޕްޓެމްބަރ މަހުގެ 16 އިން އަންނަ އޮކްޓޯބަރ މަހުގެ 16 އާއި ހަމައަށް ހުޅުވާލާނެ ކަމަށެވެ.
ފައިބެއަހަރުގެ މި އިވެންޓުގައި 3000 މީހުން ބައިވެރިކޮށްފައިވާ އިރު، މިއަހަރުގެ އިވެންޓުގައި 4000 މީހުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. ހަތް އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މި ހަރަކާތުގައި ބައިވެރިވެވޭ އިރު، ރޯޑު ރޭސް އޮންނަ ދުވަހަށް 7 އަހަރު ފުރޭ ކުދިންނަށްވެސް މިފަހަރު މި ހަރަކާތުގައި ބައިވެރިވެވޭގޮތަށް ވަނީ ނިންމާފައެވެ.
މި އަހަރުވެސް މި ހަރަކާތް އޮންނާނީ ހުޅުމާލޭގައި ކަމަށާއި ކުޑަކުދިންގެ ޙިމާޔަތްކުރުމަށް ގޮވާލައި ދިރާގުން ބާއްވަމުން އަންނަ މި ހަރަކާތުގައި އަމިއްލަ ޖަމިއްޔާތަކަށް ބައިވެރިވުމުގެ ފުރުޞަތުވެސް މިހާރު ހުޅުވާލާފައިވާ ކަމަށްވެސް ދިރާގުން ބުންޏެވެ.
ދިރާގުން އިތުރަށް ބުނީ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކަށް އިސްކަންދޭނެ ކަމަށާއި އަމިއްލަ ޖަމިއްޔާތަކުން އެ ޖަމިއްޔާގެ ތަޢާރަފަކާއި ކުރިއަށް އޮތް 12 މަސްދުވަހު އެ ޖަމިއްޔާއިން ކުޑަކުދިންގެ ޙައްޤުތަކަށް ކުރަން ރާވާފައިވާ މަސައްކަތް ހިމެނޭ ލިޔުމެއް މި މަހު 23 ކުރިން ދިރާގަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
މި ހަރަކާތުން ލިބޭ ފައިސާ އެ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ދިރާގުން ނިންމާފައިވާ އިރު، މިދިޔަ ދެ އަހަރު މި ހަރަކާތުގައި 8 ޖަމިއްޔާއަކުން ބައިވެރިވިއެވެ. އަދި މި ހަރަކާތުން ލިބުނު ދެ މިލިއަން ރުފިޔާ ދިރާގުން ވަނީ އެޖަމިއްޔާތަކަށް ހަދިޔާކޮށްފައެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރު މި ހަރަކާތުގައި ބައިވެރިވާ މީހުނަށް ދޫކުރާ ޓީޝާޓުގެ އަގު ވަނީ 100 ރުފިޔާއަށް ބޮޑުކޮށްފައެވެ. ކުރިން މި ޓީޝާޓުގެ އަގަކީ 50 ރުފިޔާއެވެ.
މީގެ އިތުރުން 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރގެ ރޭސް އެންމެ ފުރަތަމަ ނިންމާ ފަރާތަކަށް ދޭ މެޑަލްއަށްވެސް މި އަހަރު ވަނީ ބަދަލު ގެނެސްފައެވެ. ކުރިން މި ދެ ގިންތިންވެސް އެންމެ ފުރަތަމަ ނިންމާ ފަރާތަކަށް ދެނީ އެއް މެޑަލްއެކެވެ. އެކަމަކު މި އަހަރު މި ދެ މެޑަލް އާ ޑިޒައިނަކާއެކު ވަނީ ދެ މެޑަލްގެ ގޮތުގައި ވަކިކޮށްފައެވެ.
ދިރާގު ޕޭ އެޕް މެދުވެރިކޮށް ރޯޑް ރޭސްއަށް ރެޖިސްޓަރވާ ފަަރާތްތަކަށް އެމީހަކު ބޭނުންވާ ސައިޒަކުން ޓީޝާޓް ހޯދުމަށް ރިކުއެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި ޓީޝާޓް ދޫކުރާނީ އޮކްޓޯބަރު 28 އަދި 29 ވަނަ ދުވަހު ކަމަށްވެސް ދިރާގުން ބުންޏެވެ.



