އެސްޕީގެ ލަނޑުން އެމްބާޕޭ ސަލާމަތްވެއްޖެ

ލަލީގާގައި ހޮނިހިރު ދުވަހު ސެލްޓާ ވީގޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-1 އިން ރެއާލް މެޑްރިޑް މޮޅުވިއިރު ކީލިއަން އެމްބާޕޭ އަތުން ޕެނަލްޓީއެއް ބޭކާރުވި ނަމަވެސް ކާލޯސް އެސްޕީ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު އެމްބާޕޭގެ ގޯހުގެ އަގު ދައްކަން ނުޖެހި ސަލާމަތްވެއްޖެ އެވެ.

މިއީ އެންމެ ފަހުން ކްލަބަށާއި ޤައުމީ ޓީމަށް އޭނާ ޖެހި 6 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވި ތިންވަނަ ޕެނަލްޓީ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މޮޅާއެކު ކުޅުނު 13 މެޗުން ލިބުނު 33 ޕޮއިންޓާއެކު ރެއާލް މެޑްރިޑް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ.

ނަމަވެސް ރެއާލުން މިހާރު ވަނީ ބާސެލޯނާއަށްވުރެ އެއް މެޗު އިތުރަށް ކުޅެފަ އެވެ. ބާސެލޯނާ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ.

ޕެނަލްޓީ ފޮނުވާލުމުގައި އެމްބާޕޭއަށް ހެދުނު މި ގޯހުގެ ސަބަބުން މީގެ ކުރިން މި ސީޒަނުގައި ރެއާލަށް ޕޮއިންޓެއް ގެއްލިފައިވާއިރު މިފަހަރު އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިއުމުން ދެ ޕޮއިންޓު ގެއްލުމާ ވަރަށް ގާތްވި އެވެ.

މީގެ އިތުރުން ސެޕްޓެމްބަރު މަހު ރެއާލް ބެޓިސް އަތުން 0-1 އިން ރެއާލް މެޑްރިޑް ބަލިވި މެޗުގައާއި ވޯލްޑް ކަޕްގައި މޮރޮކޯއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައިވެސް އޭނާ ވަނީ ޕެނަލްޓީ ނާކާމިޔާބުކޮށްފަ އެވެ.

އެ ދެ ފަހަރުވެސް އޭނާ ބޯޅަ ތިރިތިރިން ފޮނުވާލުމުން ކީޕަރު ދިފާއުކޮށްފައިވާތީ މިފަހަރު އޭނާ މަސައްކަތް ކުރީ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލުމަށެވެ.

މެޗުގެ ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ވިލިއޮޓް ސްވެޑްބާގް ތިރިތިރިން ނެގި ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕަބްލޯ ޑުރާން ވަނީ ސެލްޓާ ވީގޯއަށް ކުރިހޯދައިދީފަ އެވެ.

މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ރެއާލަށް ފުރުސަތު ލިބުނީ ސެލްޓާގެ ޑިފެންޑަރު ހަވިއޭ ރޮޑްރިގޭޒް އެމްބާޕޭގެ އަތުގައި ހިފާ ދެމުމުން ރެފްރީ ދިން ޕެނަލްޓީއަކުންނެވެ. ނަމަވެސް އެމްބާޕޭއަށް އެ ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވި އެވެ.

ރެއާލް މެޑްރިޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 66 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޖޫޑް ބެލިންހަމް ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް އެސްޕީ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު އަޔަނޫޓް ރާޑޫ ދިފާއުކުރުމުން ރީބައުންސްގައި ލިބުނު ބޯޅަ ގޯލަށް ވައްދާލައިގެން އޭނާ ވަނީ ރެއާލް މޮޅުކޮށްދީފަ އެވެ.

ސެވިލް ޑާބީގައި ސެވިލާ އާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު މެޗުގެ އިތުރު ވަގުތުގައި ކީކޭ ސަލާސް ވަނީ ސެވިލާއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އެންތަނީ ކާމިޔާބުކުރި ލަނޑާއެކު ބެޓިސް ކުރީގައި އޮތް ނަމަވެސް ފަހު ވަގުތު ވަން ލަނޑާއެކު ތާވަލުގެ ގަދަ ތިނަކަށް އެރުމަށް އެ ޓީމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ.

ޑިޕޯޓިވޯ އަލަވޭސް އިން ވަނީ އަމިއްލަ ދަނޑުގައި ޑިޕޯޓިވޯ ލަކަރޫނިއާ 3-1 އިން ބަލިކޮށް، ޖެހިޖެހިގެން އަށް މެޗުން މޮޅުނުވެ އޮތް ސިލްސިލާ ނިމުމަކަށް ގެނެސްފަ އެވެ.

އެންޖެލް ޕެރޭޒް އަލަވޭސްއަށް ކުރިހޯދައިދީފައި ވަނިކޮށް ނަހުއެލް ޓެނާގްލިއާ އަތުން ބައިކޮޅަށް ވަން ލަނޑުން ނަތީޖާ އެއްވަރުވި އެވެ.

ނަމަވެސް ކުރިން ޕެނަލްޓީއެއް ބޭކާރުވި ލޫކަސް ބޯޔޭ އަލަވޭސްގެ ދެވަނަ ލަނޑު ޖަހައިދިންއިރު، އިތުރު ވަގުތުގައި ޑެނިސް ސުއަރޭޒް ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

މީގެ އިތުރުން ރަޔޯ ވަޔެކާނޯ އަތުން 1-0 އިން މޮޅުވެ، ވެލެންސިއާ ވަނީ ތާވަލުގެ ފުލުން ސަލާމަތްވެފަ އެވެ.

އެ ޓީމުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ބޮލުން ކާމިޔާބުކޮށްދިނީ ހޯސޭ ކޮޕޭޓޭ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.