(وَالنَّازِعَاتِ غَرْقًا ﴿١﴾ )
(النَّازِعَاتِ ) ގެ މުރާދަކީ ކާފިރުންގެ ފުރާނަތައް ގެންދެވުމަށް ޙަވާލުވެ ތިއްބަވާ މަލާއިކަތުން.
(غَرْقًا ) ގަދަފަދަވެގެންވާ ގޮތެއްގައި އެބައިމީހުންގެ ފުރާނަތައް ހަށިގަނޑާ ވަކި ކުރައްވާނެތެވެ.
(وَالنَّاشِطَاتِ نَشْطًا ﴿٢﴾ )
(النَّاشِطَاتِ ) އެއީ މުއިމިނުންގެ ފުރާނަ ގެންދެވުމަށް ޙަވާލުވެ ތިއްބަވާ މަލާއިކަތްބޭކަލުންނެވެ.
(نَشْطًا ) އޯގާތެރި ކަމާއި މަޑުމައިތިރި ކަމާއި ފަސޭހަކަމާއި އެކު މުއިމިނުންގެ ފުރާނަ ގެންދަވާނެއެވެ.
ކާފަރުންގެ ފުރާނަ ނެރުއްވުމަށް ޙަވާލުވެ ތިއްބަވާ މަލާއިކަތުން އެބައިމީހުންގެ ފުރާނަތަކަށް ނިކުންނާށޭ ކިޔާ ގޮވާލައްވާ އިރުގައި ގޮވާލައްވާނީ ހަޑިހުތުރު ޞިފަތަކުންނެވެ. އެގޮތުން އެބޭކަލުން ގޮވާލައްވާނެއެވެ. (އޭ މިހިރަ ނުބައި ހަށިގަނޑުގެ ތެރޭގައި ހުރި ނުލަފާ ފުރާނައެވެ. ﷲގެ ކޯފާ އާއި ޢަޛާބަށް ހުށަހެޅިގަތުމަށް ޓަކައި ނިކުންނާށެވެ. އެހިނދު އެފުރާނަ ނުނިކުންނާންވެގެން އުޅޭނެއެވެ. އަދި ހަށިގަނޑުގެ އެކި ދިމަދިމާލަށް ގޮސް ފިލަން މަސައްކަތް ކުރާނެއެވެ. އެހިނދު މަލާއިކަތުން އެފުރާނަ ގަދަކަމުން ނެރުއްވާނެއެވެ. ނެރުއްވާލެއް ގަދަފަދަ ކަމުން ހަށިގަނޑު ވީދައިގެންދާހާ ވާނެއެވެ. ނަމަވެސް މުއިމިނުންގެ ފުރާނަ ގެންދަވާ ހިނދުގައި (އަޅަމެންނަކީ އެފަދަ ބައެއް ކަމުގައި ލައްވާށީ. އާމީން) މަލާއިކަތުން ފުރާނަ ނެރުއްވުމަށް ވަޑައިގަންނަވާ ހިނދުގައި ވިދާޅުވާނެއެވެ. އުފާކުރާށެވެ. ރަގަޅު ހަށިގަނޑެއްގެ ތެރޭގައި ހުރި ރަގަޅު ފުރާނައެވެ. ﷲ ގެ ރުއްސެވުމާއި ދިމާލަށް ދިޔުމަށް ޓަކައި ނިކުންނާށެވެ. ދެން ފުރާނަ ފަސޭހަ ކަމާއި އެކު ހަށިގަނޑުން ނިކުމެގެންދާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ أَحَبَّ لِقَاءَ اللَّهِ ، أَحَبَّ اللَّهُ لِقَاءَهُ ، وَمَنْ كَرِهَ لِقَاءَ اللَّهِ ، كَرِهَ اللَّهُ لِقَاءَهُ ، قَالَتْ عَائِشَةُ : أَوْ بَعْضُ أَزْوَاجِهِ إِنَّا لَنَكْرَهُ الْمَوْتَ ، قَالَ : “ لَيْسَ ذَاكِ وَلَكِنَّ الْمُؤْمِنَ إِذَا حَضَرَهُ الْمَوْتُ بُشِّرَ بِرِضْوَانِ اللَّهِ وَكَرَامَتِهِ ، فَلَيْسَ شَيْءٌ أَحَبَّ إِلَيْهِ مِمَّا أَمَامَهُ فَأَحَبَّ لِقَاءَ اللَّهِ وَأَحَبَّ اللَّهُ لِقَاءَهُ ، وَإِنَّ الْكَافِرَ إِذَا حُضِرَ بُشِّرَ بِعَذَابِ اللَّهِ وَعُقُوبَتِهِ ، فَلَيْسَ شَيْءٌ أَكْرَهَ إِلَيْهِ مِمَّا أَمَامَهُ كَرِهَ لِقَاءَ اللَّهِ وَكَرِهَ اللَّهُ لِقَاءَهُ ) މާނައަކީ: ”ﷲ އާއި ބައްދަލުކުރަން އެދޭ މީހާ އާއި ބައްދަލު ކުރުމަށް ﷲ އެދިވޮޑިގެންވެއެވެ. އަދި ﷲ އާއި ބައްދަލު ކުރަން ނޭދޭ މީހަކާ ބައްދަލު ކުރުމަށް ﷲ އެދިވޮޑިނުގަންނަވައެވެ. އެހިނދު ޢާއިޝާ ނުވަތަ ރަސޫލާގެ ކޮންމެވެސް އަނބިކަބަލަކު ވިދާޅުވިއެވެ. ”ހަމަކަށަވަރުން އަހަރުމެން އެކަކުވެސް މަރުވާކަށް ބޭނުމެއް ނުވެއެވެ.“ ޙަދީޘް ކުރެއްވިއެވެ. ”އެވާހަކަ އެއް ނޫނެވެ. ނަމަވެސް މުއިމިނެއްގެ ގާތަށް މަރުއައިސް ޖެހިއްޖެނަމަ ﷲ ގެ ދީލަތިވަންތަ ކަމާއި ރުހިވޮޑިގަތުމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވޭނެއެވެ. އޭނާގެ ކުރިމަތީގައިވާ ކަންތަކަށް ވުރެ އުފާވެރި އެހެންކަމެއް އޭނާ އަކަށްނުވެއެވެ. އޭނާ ﷲ އާއި ބައްދަލުކުރަން ބޭނުންވެއެވެ. އަދި ﷲ އޭނާ އާއި ބައްދަލުކުރުމަށް އެދިވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން ކާފިރުންނާއި މަރު އައިސް ބައްދަލުކުރާ ހިނދުގައި ﷲ ގެ ކޯފާ އާއި ޢަޛާބުގެ ވާހަކައިން އެބައިމީހުންނަށް ޚަބަރު ކުރެއްވޭނެތެވެ. އޭނާގެ ކުރިމަތީގައިވާ ކަންތަކަށް ވުރެ ފޫހި ހިތްނޭދޭ ކަމެއް ނޯންނާނެއެވެ. އޭނާ ﷲ އާއި ބައްދަލުކުރަން ނޭދޭ ފަދައިން ﷲ އޭނާ އަށް ބައްދަލު ކުރެއްވުމަށް އެދިވޮޑިނުގަންނަވައެވެ.“ އެހެނީ ކޮންމެ އިންސާނަކުވެސް މިހާރު އޭނާ ހުރި ޙާލަތަށް ވުރެ ރަގަޅު ޙާލަތަކަށް ބަދަލުވާން ބުނެވިއްޖެނަމަ އެކަމަކަށް އެދޭނެއެވެ. އެގޮތުން މުއިމިނުންނަށް ﷲ ގެ ރުއްސެވުމާއި ދަރުމައިގެ ގޯއްޗަށް ވާޞިލުވުމަށް އައުމަށް ގޮވާލެއްވުމުން އެބައިމީހުން އެކަމަށް އެދި އުފަލުން އަންނާނެއެވެ. ނަމަވެސް، ކާފިރުވީ މީހުން ﷲ ގެ ކޯފާ އާއި ޢަޛާބު ފެނުމުން އެކަމުގެ ތެރެއަށް ވެއްޓިގެންދާކަށް ބޭނުމެއް ނުވާނެއެވެ.
(وَالسَّابِحَاتِ سَبْحًا ﴿٣﴾ )
(السَّابِحَاتِ ) އަކީ ޖައްވުގައި ފިޔަ ޖައްސަވާފައި އުޅުއްވާ މަލާއިކަތް ބޭކަލުންނެވެ. އެބޭކަލުން ﷲ ގެ އަމުރުފުޅު ތަންފީޛު ކުރެއްވުމަށް ޓަކައި އުޑުން ފައިބާވަޑައިގަންނަވާނެއެވެ.
(فَالسَّابِقَاتِ سَبْقًا ﴿٤﴾ )
(السَّابِقَاتِ ) މުއިމިނުންގެ ފުރާނަތައް ހިއްޕަވައިގެން ސުވަރުގެ އަށް އަވަސްވެ ވަޑައިގަންނަވާ މަލާއިކަތް ބޭކަލުން. މަލާއިކަތް ބޭކަލުންނަކީ ﷲ އެންގެވި ކޮންމެ ކަމެއް ފަސްޖެހުމެއް ނެތި ކުރައްވާ ބަޔެކެވެ. އަދި މިކަމުގައި އާދަމުގެ ދަރިންނަށް ވުރެ އެތައް ގުނައެއް މަތީގައި އުޅުއްވާ ބަޔެކެވެ. ނަރަކަ ބެލެހެއްޓެވުމަށް ޙަވާލުވެ ތިއްބަވާ މަލާއިކަތުންގެ ވާހަކަ ބަޔާން ކުރައްވަމުން ސޫރަތުއް ތަޙްރީމްގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾ ) މާނައަކީ: ”އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.“
ސޫރަތުލް އަންބިޔާގެ 19-20 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَنْ عِندَهُ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِ وَلَا يَسْتَحْسِرُونَ ﴿١٩﴾ يُسَبِّحُونَ اللَّيْلَ وَالنَّهَارَ لَا يَفْتُرُونَ ) މާނައަކީ: ”އެކަލާނގެ حضرة ގައިވާ ملائكة ން، އެކަލާނގެއަށް އަޅުކަން ކުރުމަކަށް ބޮޑާވެއެއްނުގަނެތެވެ. އަދި ވަރުބައްޔެއްވެސް ނުމެވޭމެއެވެ. އެ ملائكة ން ރެޔާދުވާލު ފޫހިވުމެއްނެތި (އެކަލާނގެ حضرة އަށް) تسبيح ދަންނަވަތެވެ.“
(فَالْمُدَبِّرَاتِ أَمْرًا ﴿٥﴾ )
(الْمُدَبِّرَاتِ ) އެއީ ﷲ ގެ އަމުރުފުޅާއި އެކު ކައުނުގައިވާ ކަންތައްތައް ތަދްބީރު ކުރައްވާ ބޭކަލުންނެވެ. އިންސާނުންގެ ޢުމުރާއި، ރިޒްގާއި ވާރޭވެހޭނެ ވަގުތާއި ތަނެވެ.
ކޮންމެ ކަމަކަށްވެސް ޙަވާލުވެ ތިއްބަވާ މަލާއިކަތުންތަކެއް ވެއެވެ. އެގޮތުން ޖިބްރީލް ޢަލައިހިއްސަލާމް އަކީ ވަޙީ އާއި ޙަވާލުވެ ވަޑައިގެން ހުންނަވާ މަލާއިކަތާ އެވެ. ﷲ ގެ ޙަޟްރަތުން ވަޙީ އާއިގެން ރަސޫލު ބޭކަލުންގެ އަރިހަށް ވަޑައިގަންނަވާނެ ބޭކަލަކީ ޖިބްރީލް ޢަލައިހިއްސަލާމް އެވެ. އިސްރާފީލަކީ ތާޅަފިލި ފުމުމާއި ޙަވާލުވެ ހުންނަވާ މަލާއިކަތާ އެވެ. ފުރަތަމަ ތާޅަފިލި ފުމެލެއްވުމާއި އެކު މީސްތަކުން މަރުވެގެންދާނެއެވެ. އަދި ދެވަނަ ތާޅަފިލި ފުމެލެއްވުމާއި އެކު މަރުވެފައިވާ މީހުންތައް އަލުން ދިރި މަޙްޝަރު ކުރެވޭނެއެވެ. މީކާއީލަކީ ވާރޭވެއްސެވުމާއި ގަސްފެޅުއްވުމުގެ ކަންތަކާއި ހަވާލުވެ ހުންނަވާ މަލާއިކަތާ އެވެ. މަލަކުލްމައުތަކީ ފުރާނަ ގެންދެވުމާއި ޙަވާލުވެ ހުންނަވާ މަލާއިކަތާ އެވެ. މާލިކަކީ ނަރަކައިގެ ބަނޑޭރިއެވެ. ރިޟްވާނަކީ ސުވަރުގެ އާއި ޙަވާލުވެ ހުންނަވާ މަލާއިކަތުންނެވެ.
އިސްވެދިޔަ އާޔަތްތަކުގައި މާތް ﷲ ވަނީ އެކި މަސައްކަތްތަކާއި ޙަވާލުވެ ތިއްބަވާ މަލާއިކަތް ބޭކަލުން ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައެވެ. ސަބަބަކީ މަލާއިކަތުންނަކީ މާތް ﷲ އުފެއްދެވި ތަކެތީގެ ތެރެއިން އެންމެ މަތިވެރި އެންމެ މާތް މަޚްލޫގުންކަމަށްވީތީވެއެވެ. ﷲ ތަޢާލާ އެއްވެސް އެއްޗެއް އެއެއްޗެއްގެ ގަދަރަކާއި ޝަރަފެއް ނުވާނަމަ، އެއެއްޗެއް ގަންދެއްވާ ހުވާ ނުކުރައްވާނެއެވެ.
(يَوْمَ تَرْجُفُ الرَّاجِفَةُ ﴿٦﴾ ) މިއާޔަތުގެ މުރާދަކީ: އޭ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. ކަލޭގެފާނު ހަނދާން ކުރައްވާ އަދި މީސްތަކުންނަށް ގިޔާމަތްދުވަހުގެ ބޮޑުކަމުގެ ވާހަކަތައް ހަނދާން ކޮށް ދެއްވާށެވެ. އެއީ ތާޅަފިލީގެ އަޑަށް އެންމެން މަރުވެގެންދާ ދުވަހެވެ.
(تَتْبَعُهَا الرَّادِفَةُ ﴿٧﴾ ) ދެވަނަ ފަހަރަށް ތާޅަފިލި ފުމެލެއްވުމުން ގަބުރުތަކުގައި ތިބި މީހުންތައް ދިރި މަޙްޝަރު ކުރެއްވޭނެއެވެ.
ތާޅަފިލި ފުމެލެއްވުމާއި އެކު މީސްތަކުން ދެބަޔަކަށް ބެހިގެންދާނެއެވެ. އެއްބަޔަކީ:
(قُلُوبٌ يَوْمَئِذٍ وَاجِفَةٌ ﴿٨﴾ أَبْصَارُهَا خَاشِعَةٌ ﴿٩﴾ يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ ﴿١٠﴾ أَإِذَا كُنَّا عِظَامًا نَّخِرَةً ﴿١١﴾ قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ ﴿١٢﴾)
(وَاجِفَةٌ ) ބިރުގަތުން. ގިޔާމަތް ދުވަހުގައި ކާފިރުންނާއި ފާޖިރުން ތިބޭނީ ވަރަށް ބޮޑަށް ބިރުގަނެފައެވެ.
(أَبْصَارُهَا خَاشِعَةٌ ) ނިކަމެތިވެ، ބިރުގަނެ، ވައްކަޅިން ބަލާނެއެވެ. ސޫރަތުއް ޝޫރާގެ 45 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَتَرَاهُمْ يُعْرَضُونَ عَلَيْهَا خَاشِعِينَ مِنَ الذُّلِّ يَنظُرُونَ مِن طَرْفٍ خَفِيٍّ ) މާނައަކީ: “ އަދި ނިކަމެތިވެ، ބިރުގެން، ވައްކަޅިން ބަލާ حال، އެއުރެން ނަރަކަޔަށް ހުށަހަޅުއްވާތީ ތިބާދެކޭނޫއެވެ.“
ދެވަނަ ބަޔަކީ: މިބައިމީހުންގެ އިދިކޮޅެވެ. މިދެވަނަ ބަޔަށް ދަލާލަތު ލިބެނީ (قُلُوبٌ يَوْمَئِذٍ وَاجِفَةٌ ) މިތަނުގައި (قُلُوبٌ) ނަކިރާގެ[1] ޞީޣާގައި ގެންނަވާފައި ވުމުންނެވެ. އެހެންކަމުން އާޔަތުން ދޭހަވާ މާނައަކީ ”ބައެއް ހިތްތައް އެދުވަހުން ތިބޭނީ ބިރުން ހަލާކުވާ ވަރުވެފައެވެ. އަނެއްބައި ހިތްތައް ތިބޭނީ އެޔާއި އިދިކޮޅަށެވެ.“
(يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ ) އެބައިމީހުން މަރުވުމަށް ފަހު އަލުން ދިރުއްވާނެކަމަށް އިންކާރު ކުރަމުން ބުނަމުން ގެންދިޔައެވެ. މަރުވުމުގެ ކުރިން އަހަރުމެން ތިބި ގޮތަށް، މަރުވުމަށް ފަހު އަލުން ދިރުއްވޭނެހެއްޔެވެ؟
(الْحَافِرَةِ ) ކުރިން ތިބި ގޮތަށް އެނބުރި ބަދަލުވުން. ބުނެއުޅެއެވެ. ޢަރަބިން ބުނެއުޅެއެވެ. (رَجَعَ مِنْ حَافِرَتِهِ ) މާނައަކީ: އޭނާ ދަތުރުފެށި ތަނަށް އެނބުރި އަތުވެއްޖެއެވެ.
[1] ނަކިރާގެ ޞީޣާ އަކީ ކާކުކަން ނޭނގޭ ގޮތަށް އޮތުމެވެ. މިތަނުގައި (قُلُوبٌ ) ގެ ބަދަލުގައި (القُلُوبٌ ) ”ال“ އާއި އެކު އޮތް ނަމަ އެވާނީ މަޢްރިފާގެ ޞީޣާ އަކަށެވެ. އެހެނީ ކޮންބަޔެއްގެ ހިތްތަކެއް ކަން އެނގޭނެއެވެ.
ނުނިމޭ….