ޚަބަރު ފީތާ

ވިލުފުށި މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްފި

ކޮޅުމަޑުލު ވިލުފުށީ މަގުހެދުމުގެ މަސައްކަތުގެ ނިމުން ރައީސް ޔާމީން ފާހަގަކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިލިފުއްޓަށް ވަޑައިގެން މިއަދު މެންދުރުއެވެ.

ވިލުފުށީ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ބިނާގެ ފަރުދާ ކައްސަވާލަދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ކޮޅުމަޑުލަށް ފެއްޓެވި ދަތުރުފުޅެކެވެ. މި ދަތުރުފުޅު ފެއްޓެވީ އިއްޔެއެވެ.

އިއްޔެ ވަނީ ތ. ތިމަރަފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ވޭމަންޑޫއާއި ކަނޑޫދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންވެސް ފާހަގަކޮށްދެއްވައިފައެވެ. އަދި މިއަދު ހެނދުނު ވަނީ ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތްވެސް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކޮޅުމަޑުލު މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި މަޑިފުށީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދިޔަމިގިލީގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Rate this post