ޚަބަރު ފީތާ

ކަންކަން އިޞްލާޙްކުރެވޭވަރުގެ ލީޑަރުން ތިބިއްޔާ ކުރިމަގު އުޖާލާވާނެ: ރައީސް ޔާމީން

ކަންކަން އިޞްލާޙްކުރެވޭވަރުގެ ލީޑަރުން ތިބިއްޔާ ކުރިމަގު އުޖާލާވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެެވެ.

ކޮޅުމަޑުލު ތިމަރަފުށީގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހުރިހާކަމެއްގައިވެސް މުޅިރާއްޖޭގެ މަސްލަޙަތާއި މުޅި ރާއްޖޭގެ އަމާންކަން ރައްޔިތުން އިސްކުރަންޖެހޭނެކަމަށެވެ.

ދިވެހިންނަށް ދޫނުކުރެވޭނެ އަސާސްތަކަކާއި ބަހާތަކެއް ހުރިކަން ފާހަގަކުރައްވައި ވިދާޅުވީ މިއަސާސްތަކާއެކު ޤައުމީ މަސްލަޙަތާއި އިސްލާމް ދީން ޙިމާޔަތްކުރުމަށް އެމަނިކުފާނު ވަކާލާތުކުރައްވާތީ ބޭރުގެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވާ ކަމަށެވެ. އަދި ރައްޔިތުން އަބަދުވެސް ދައްކާނީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމުގެ ތެރެއިން ނުވެހުރި ކަންކަމުގެ ވާހަކަ ކަމަށާއި ރައްޔިތުން ބޭނުންވަނީ އެމީހުންގެ ޙާލަތު ރަނގަޅުކުރަން ކަމަށެވެ.

ކޮޅުމަޑުލަށް ކުރައްވާ 3 ދުވަހުގެ ި ދަތުރުފުޅުގައި ތިމަރަފުށީގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރަށްރަށަށް ބޭނުންވެފައި ހުރި އަސާސީ ޚިދުމަތްތަކަށާއި ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާއިރު އެކަންކަން ފުރިހަމަ ކޮށްދިނުމަށްޓަކާ 5 އަހަރުގެ ދައުރަކީ ކުރުމުއްދަތެއް ކަމަށެވެ. އަދި ކުރިއަށްއޮތް ދައުރުގައިވެސް އެމަނިކުފާނު އަމާޒު ހިއްޕަވާނީ ރައްޔިތުންގެ އުފާފާގަތިކަމާއި ރައްޔިތުންގެ ބާއްޖަވެރިކަމާއި ރަށްރަށަށް އަންނަ ތަރައްޤީ ފުރިހަމަކޮށްދެއްވައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެއަތޮޅު ވޭމަންޑޫއާއި ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި ތ. ވިލުފުށި މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމާއި ބުރުންޏާއި ދިޔަމިގިއްޔާއި މަޑިފުށީގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Rate this post