އުރީދޫ މޯލްޑިވްސް އިން ވަރަށް ޙާއްސަ ވަނަތަކެއް ކާމިޔާބުކޮށްފި
”ޑްރީމް ކޮމްޕެނީ ޓު ވަރކް އެޓް“ ގެ މަގާމު ލިބި، އެމްޕްލޮޔަރ ބްރޭޑިންގ އެވަރޑްސްގައި އުރީދޫ މޯލްޑިވްސް އިން ވަރަށް ޙާއްސަ ވަނަތަކެއް ކާމިޔާބުކޮށްފިއެވެ.
ސިންގަޕޫރުގައި ބޭއްވުނު ބައިނަލްއަޤްވާމީ އެމްޕްލޮޔަރ ބްރޭޑިންގ އެވަރޑްސްގައި އުރީދޫ މޯލްޑިވްސް އިން ރަން ވަނަތަކެއް ޙާޞިލްކޮށްފިއެވެ. މިގޮތުން، އުރީދޫ މޯލްޑިވްސްއިން ޙާސިލްކުރި އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ:
- ޑްރީމް ކޮމްޕެނީ ޓު ވަރކް ފޯ
- ބެސްޓް އެމްޕްލޯޔަރ ބްރޭންޑް
- އެވަރޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގް
މި ހަފްލާގައި އުރީދޫގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސް، މުހައްމަދު ޝާހިދު އަށް ”އެޗް.އާރް ލީޑަރޝިޕް އެވޯޑް“ ލިބިގެންދިއުމަކީވެސް، އުރީދޫ އިން ނުހަނު ފަޚުރުވެރިވާ ކަމެކެވެ.
”މުވައްޒަފުންގެ ކުރިއެރުމަކީ އުރީދޫއިން އެންމެ އިސްކަންދޭ އެއް ކަންތައް. މިގޮތުން ހިއުމަން ރިސޯސަސްގެ ދާއިރާއިން ކުންފުނީގެ މަސައްކަތް ފާހަގަކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް ބޮޑު އުފަލެއް. ރާއްޖެއާއި، ރާއްޖޭން ބޭރުގައި އުރީދޫ މޯލްޑިވްސް ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައިވާ، މަސައްކަތަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި މުވައްޒަފުން ބިނާ ކުރުމަށް އަޅުގަނޑުމެންގެ އެޗް.އާރް ޓީމް އަދި ޕީޕަލް މެނޭޖަރުން ކުރާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ފާހަގަކުރަން.“ އުރީދޫގެ ސީ.އީ.އޯ ނަޖީބް ޚާން ވިދާޅުވިއެވެ.
400 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގައި ވަޒީފާ އަދާ ކުރަން އެންމެ މަގްބޫލު އެއް ކުންފުންޏެވެ. އުރީދޫ އިން ރާއްޖޭގައި ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ، ކުންފުނީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތް ކަމަށް އުރީދޫއިން ގަބޫލު ކުރެއެވެ. މުވައްޒަފުންގެ ޚިޔާލުތަކަށް ޚާއްސަ އިސްކަމެއް ދީގެން، އުރީދޫ އިން މަސައްކަތް ކުރަނީ ޓެލެންޓް މެނޭޖްމަންޓްގެ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސް ތަކުގެ އެހީގައި، މުވައްޒަފުން އިތުރަށް ބިނާކޮށް، ޓީމު ވަރުގަދަ ކުރުމަށެވެ. އަދި ވަޒީފާގެ މައިދާނުގައި ކުރިއެރުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައިދިނުމަށް، އުރީދޫ އިން ހާއްސަ އަހަމިއްޔަތުކަމެއް ދެއެވެ.
2018 ވަނަ އަހަރު ބޭއްވުނު ވާރލްޑް އެޗްއާރްޑީ ކޮންގްރެސް 2018 ގައިވެސް، އުރީދޫ މޯލްޑިވްސްއިން ވަނީ ގްލޯބަލް އެޗްއާރް އެކްސެލެންސް އެވާރޑް ފޮ ބެސްޓް ސްޓްރެޓެޖީ އިން ލައިން ވިތް ބިޒްނަސް، ގްލޯބަލް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް ފޮ އެކްސެލެންސް އިން އެޗްއާރް ތްރޫ އިނޮވޭޝަން، އަދި ގްލޯބަލް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް ފޮ ޓެލެންޓް މެނޭޖްމަންޓްގެ އެވޯޑު ކާމިޔާބުކޮށްފައެވެ.
ހަމައެހެންމެ، ފާއިތުވި ހަފްތާގައި މީރާ އިން ބާއްވާފައިވާ ރަންލާރި އެވޯޑުގައިވެސް، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އެންމެ ގިނައިން ދެއްކި ކުންފުނިތަކުގެ ތެރޭގައި ހިމެނިގެން ލިބުނު އެވޯޑަކާއި ޓޫރިޒަމް ދާއިރާ ނޫން ވިޔަފާރިތަކުން ބޮޑެތި ވިޔަފާރީގެ ކެޓަގަރީގައި ހިމެނޭ ބައިން ލިބުނު އެވޯޑެއް ލިބިފައެވެ.