ސަޢުދީ އެއާލައިނުން ކެނެޑާއަށް ކުރާ ދަތުރުތައް ހުއްޓާލައިފި

ސައުދީ އަރަބިއްޔާއިން ހައްޔަރު ކޮށްފައިވާ ކެނެޑާގެ 3 ރައްޔިތެއްގެ މައްސަލާގައި ދެ ޤައުމު ދެމެދު އުފެދުނު ޚިޔާލު ތަފާތުވުން ތަކެއްގެ ސަބަބުން، ދެ ޤައުމު ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގޯސްވެ، ސައުދީގެ ޤައުމީ އެއާލައިން ކެނެޑާގެ ޓޮރޮންޓޯއަށް ކުރާ ދަތުރުތައް ހުއްޓާލައިފިއެވެ.

ޤައުމީ އެއާލައިނުން ސައުދީއިން ޓޮރޮންޓޯއަށް ކުރާ ދަތުރުތަކާއި އަދި ޓޮރޮންޓޯއިން ސައުދީއަށް ކުރާ ދަތުރުތައް ހުއްޓާފައި މި ވަނީ، ސައުދީގައި ހުންނަ ކެނެޑާގެ ސަފީރު އެ ޤައުމުން ފޮނުވާލިތާ މާ ގިނަ އިތުރަކެއް ނުވަނީހެވެ.

އިޝްތިހާރު Below Header ad

ދެ ޤައުމު ދެމެދުގައި ގުޅުން ގޯސްވެފައި ވަނީ، ކެނެޑާގެ އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ 3 އެކްޓިވިސްޓެއް ސައުދީގައި ހައްޔަރުކޮށް ޖަލަށް ލުމުން، އެމީހުން ދޫކޮށްލުމަށް ސައުދީ ޚާރިޖިއްޔާގައި ކެނެޑާގެ ޚާރިޖީ ވުޒާރާއިން އެދުމުންނެވެ. އަދި އެމީހުން ދޫކޮށްލުމަށް ސައުދީއިން އިންކާރު ކުރުމުން، ކެނެޑާގެ ޚާރިޖީ ވަޒީރު އެ މައްސަލައާއި ބެހޭގޮތުން ބުނެފައިވާ ބަސްތަކަށް ސައުދީއިން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް، އެ ބަސްތަކަކީ މައްސަލައިގެ ހަޤީޤަތް ބެލުމެއް ނެތި، ވަކި ކޮޅަކަށް ބުރަވެ ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެ ބަޔާނެއް ވެސް ނެރެފައެވެ.

ސައުދީގެ ނޫސް އޭޖެންސީއެއް ކަމަށްވާ ސައުދީ ޕްރެސް އޭޖެންސީ (އެސް.ޕީ.އޭ) އިން ބުނެފައި ވަނީ، ކެނެޑާގެ ސަފީރު ދެނިސް ހޮރަކް ސައުދީ އަރަބިއްޔާ ދޫކޮށް ދިއުމަށް އޭނާއަށް ދީފައި ވަނީ 24 ގަޑިއިރުގެ މުހުލަތެއް ކަމަށެވެ.

މީގެ އިތުރުން ސައުދީއިން ވަނީ ކެނެޑާއާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތައް ވެސް ހުއްޓާލާފައެވެ. އެތައް ބިލިއަން ޑޮލަރެއްގެ މި އެއްބަސްވުންތައް ހުއްޓާލުމަށް ފަހު، ސައުދީއިން ވަނީ ވިޔަފާރީގެ މި މަސައްކަތްތަކަށް ކެނެޑާއަށް ފޮނުވާފައި ތިބި މަންދޫބުން ވެސް އަނބުރާ ޤައުމަށް އައުމަށް އަމުރު ކޮށްފައެވެ.

ސައުދީގެ ޓީވީއިން ބުނެފައިވާ ގޮތުގައި، ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން، އެކި ސްކޮލާޝިޕްތަކުގައި ކެނެޑާގައި ކިޔަވަމުންދާ ސައުދީގެ އެތައް ހާސް ކިޔަވާ ކުދިންނެއް އެހެން ޤައުމުތަކުގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް ވީހާވެސް އަވަހަށް ބަދަލުކުރެވޭން ގޮތަކާއި މެދު ސައުދީގެ ތަޢުލީމީ ވުޒާރާއިން މިހާރު ދަނީ ރާވަމުނެވެ.

ސައުދީގެ ޤައުމީ އެއާލައިނުން ޓްވިޓާރ މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ އެއާލައިނުން ކެނެޑާއަށް ކުރާ ހުރިހާ ދަތުރުތަކެއް ހުއްޓާލުމަށް ހަމަޖެހިފައި ވަނީ 13 އޮގަސްޓް ވާ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.