ޚަބަރު ފީތާ

ހިގުއައިން އޭސީ މިލާނަށް ބަދަލުވާއިރު، ބޮނޫޗީ އެނބުރި ޔުވެންޓަސް އަށް

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އައި އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ގޮންޒާލޯ ހިގުއައިން އޭސީ މިލާނަށް ބަދަލުވާން ނިންމައިފިކަމަށް މީޑިއާ ރިޕޯޓުތަށް ބުނެފިއެވެ. މި ރިޕޯޓް ބުނާގޮތުން ހިގުއެއިން މިލާނަށް ބަދަލުވުމަށް ނިންމާފައިވަނީ ޖުވެންޓަސް އަށް ކުރިން ކުޅުނު އަދި މިހާރު އޭސީ މިލާނަށް ކުޅެމުން އައި އިތުބާރު ޑިފެންޑަރު ލިއަނާޑޯ ބޮނުޗީ އެނބުރި ޔުވެންޓަސް އަށް ބަދަލުވުމަށް ނިންމުމުންނެވެ.

ގޯލް ޑޮޓް ކޮމްއިން ރިޕޯޓު ކުރާގޮތުން ހިގުއައިން އާއި ބޮނޫޗީގެ ޓްރާންސްފާތަކާއި ގުޅޭގޮތުން މިލާނާއި ޔުވެންޓަސް އާއި ދެމެދު ރޭގެ ވަގުތެއްގައި ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އަދި މިއަދުގެ ވަގުތެއްގައި މި ޓްރާންސްފާތައް މުޅިން ފުރިހަމަ ވެގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ރިޕޯޓް ބުނާގޮތުން ހިގުއައިން މިލާނަށް ބަދަލުވާނީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ލޯނު އެއްބަސްވުން ނިމުމުން 36 މިލިއަން ޔޫރޯ އަށް އޭނާ ގަތުމުގެ ފުރުސަތު މިލާނަށް އޮންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އަދި މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ޔުވެންޓަސް ދޫކޮށްލުމަށްފަހު މިލާނަށް ބަދަލުވި ބޮނޫޗީ އަލުން އެނބުރި ޔުވެންޓަސް އަށް ބަދަލުވާން ނިންމާފައިވާއިރު، ޔުވެންޓަސް އިން ވަނީ ބޮނޫޗީ އަލުން އެނބުރި ގެނައުމަށް އެ ކްލަބުގެ އުއްމީދީ ޑިފެންޑަރު މަޓިއާ ކަލްޑަރާ މިލާނަށް ދިނުމަށް ވެސް ނިންމާފައެވެ. ކަލްޑަރާ އަކީ މިފަހަރުގެ ހޫނު މޫސުމުގައި އެޓަލާންޓާ އިން ޔުވެންޓަސްއާ ގުޅުނު ކުޅުންތެރިއެކެވެ.

ބޮނޫޗީ އާއި ހިގުއައިން އަދި ކަލްޑަރާ މިވަގުތު ތިބީ ޕްރީ ސީޒަން ޓުއާގައި ބައިވެރިވުމަށް އެމެރިކާގައި ކަމަށްވާއިރު މި ތިން ކުޅުންތެރިން ވެސް މިއަދުގެ ވަގުތެއްގައި އިޓަލީ އަށް އައިސް މެޑިކަލް ފުރިހަމަ ކުރުމަށްފަހު އާ ކްލަބުތަކުގެ ކޮންޓްރެކްޓުތަކުގައި ސޮއިކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2016 ވަނަ އަހަރު ނަޕޯލީން ޔުވެންޓަސްއާ ގުޅުނު ހިގުއައިން ވަނީ އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި 105 މެޗު ކުޅެދީ 55 ގޯލު ކާމިޔާބުކޮށްދީފައެވެ.

Rate this post