ޚަބަރު ފީތާ

އެންތޮނީ މާޝިއާލް ޖޫރިނަމާ ކުރަން ޔުނައިޓެޑުން ނިންމައިފި

އެންތޮނީ މާޝިއަލް ޖޫރިމަނާ ކުރުމަށް އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑުން ނިންމައިފިއެވެ.

އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ އެންތޮނީ މާޝިއާލް ޖޫރިމަނާ ކުރަން އެކްލަބުން ނިންމީ ވަކި ސަަބަބެއް ކްލަބަށް އެނގުމަކާ ނުލާ ކްލަބުގެ ފަރިތަކުރުންތަކަށް ހާޒިރުނުވުމާ ގުޅިގެންނެވެ.

މެންޗެސްޓާ ޔުނައިޓެޑުން މާޝިއާލް ޖޫރިމަނާ ކުރަން ނިންމާފައިވަނީ 180،000 ޕައުންޑު އަދަދަކުންނެވެ. އެއީ އޭގެ ދެ ހަފްތާގެ މުސާރަ އެވެ.

ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާޝިއާލް ޕްރީ ސީޒަން ކުރީކޮޅު ފަރިތަކުރުންތަކުގައި ކުލަބުގެ އެހެން ކުޅުންްތެރިންނާއެކު ބައިވެރިވެފައިވީ ނަމަވެސް ޕްރީ ސީޒަންގެ ވަކި ހިސާބަކުން މާޝިއަލްގެ އަންހެނުން ވިހެއުމުގެ ސަބަބުން ކުލަބުގެ ހުއްދަޔާއި އެކު އޭނާ އެނބުރި ފްރާންސްއަށް ދިއުމުގެ ހުއްދަދީފާ ކަމަށެވެ. އެހެން ނަމަވެސް މާޝިއަލް އޭނާގެ ދަރިފުޅު ދުނިޔެއަށް އުފަންވުމަށްފަހު ވެސް އެނބުރި ފަރިތަކުރުންތަކަށް އައިސްފައިނުވާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

މެންޗެސްޓާ ޔުނައިޓެޑުން ނެރުނު މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާޝިއާލް ވިދިވިގެން 8 ދުވަހުގެ ފަރިތަކުރުން ކަޓުވާލާފައިވާ ކަމަށާއި އެގޮތުން ކުލަބުގެ ގަވައިދުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރީކަމަށެވެ. އަދި ކޮންމެ ކުޅުންތެރިޔަކަށްވެސް ކުލަބުގެ ހެދިފައިވާ ގަވައިދުތަކާއި ޚިލާފުވާނަމަ މިފަދަ އަދަބުތައް ލިބޭނެކަމަށް ވެސް ޔުނައިޓެޑުގެ ބަޔާނުގައި ބުނެފައިވެއެވެ.

މާޝިއާލް ޖޫރިމަނާ ކުރަން މެންޗެސްޓާ ޔުނައިޓެޑުން ނިންމިއިރު އޭނާ ކްލަބު ދޫކޮށް ދާން އުޅޭ ކަމުގެ ވާހަކަތަކެއްވެސް އަންނަނީ މީޑިއާގައި ދެކެވެމުންނެވެ. އެގޮތުން ރިޕޯޓްތައް ބުނާ ގޮތުގައި މޮރީނިއޯ އާއި މާޝިއާލްއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު މި ޓްރާންސްފާގައި އޭނާ ވިއްކާލުމަށް މޮރީނިއޯ ވަނީ ކްލަބަށް އަންގާފައެވެ.

Rate this post