ޚަބަރު ފީތާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢަދަދު 87 އަށް އިތުރުކުރަނީ..

ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢަދަދު 87 އަށް އިތުރުކުރަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވަގުތީ ރިޕޯޓުގައި ބުނެފިއެވެ.

އެ ރިޕޯޓުގައިވާގޮތުން މަޖިލީހަށް އިތުރު ދެ މެމްބަރުން އިންތިޚާބުކުރަން ނިންމީ މާލެ ސިޓީގެ އާބާދީ އިތުރުވުމުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައެވެ.

އަންނަ 2019 ވަނަ އަހަރު މަޖިލިސް އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން ޢާންމު ކޮށްފައިވާއިރު، އިންތިޚާބީ ދާއިރާތައް އިދާރީ ދާއިރާތަކަށް ބެހުމަށް ވަނީ މުރާޖައާ ކޮށްފައެވެ. އެގޮތުން އިދާރީ ދާއިރާތަކުގެ އާބާދީއަށް އައިސްފައިވާ ބަދަލާ ގުޅިގެން މާލެ ސިޓީއަށްވަނީ ދެ ދާއިރާއެއް އިތުރުކޮށްފައެވެ.

އެެހެންވެ މާލޭ މެމްބަރުންގެ ގޮތުގައި މިހާރު 13 މެންބަރުން ތިއްބެވިޔަސް އަންނަ އަހަރުގެ އިންތިޚާބުގައި 15 މެންބަރުން އިންތިޚާބު ކުރަން ޖެހޭނެ ކަމަށް ރިޕޯޓްގައި ވަނީ ހިމަނާފައެވެ.

މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެމްބަރުންނެވެ. އެއީ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ޤާނޫނުގައިވާ ގޮތަށް އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ އެ ޢަދަދަށް އާބާދީ ހަމަނުވާ ނަމަ ދާއިރާތަކަށް ދެ މެމްބަރަކު އިންތިޚާބުކުރާ އުސޫލުންނާއި 5،000 އަށް ވުރެ އާބާދީ އިތުރުވާ ނަމަ، އިތުރުވާ ކޮންމެ 5،000 މީހަކަށް އިތުރު މެމްބަރަކު އިންތިޚާބުކުރާ އުސޫލުންނެވެ.

އެންމެ ފަހުން 2014ވަނަ އަހަރު މަޖިލިސް އިންތިޚާބު ބޭއްވިއިރު މާލޭގެ އާބާދީގައި އޮތީ 63،000 މީހުންނެވެ. ނަމަވެސް މިހާރު އެ ޢަދަދުވަނީ  70.900 އަށް އަރާފައެވެ.

އިލެކްޝަންސް ކޮމިޝަނަނުން ޢާންމުކޮށްފައިވަނީ ވަގުތީ ރިޕޯޓެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވާ އިރު، އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް 21 ދުވަސް ދިނުމަށްފަހު ދާއިމީ ރިޕޯޓް ޢާންމުކުރާނެއެވެ.

Rate this post