އިޒްރާއީލުގެ 2 ސިފައިންގެ މީހެއްގެ ގައިގައި ޖެހުމުގެ ކުށުގައި 8 މަސް ދުވަހުގެ ޖަލު ހުކުމަކަށް ފަހު، ފަލަސްތީނުގެ ޒުވާނާ އަހެދް ތަމީމީ ދޫކޮށްލައިފިއެވެ.
އަހެދް ތަމީމީ ދިރިއުޅޭ ގެ ކުރިމަތީގައި އިޒްރާއީލު ސިފައިންގެ 2 އޮފިސަރުންނާއި ކުރިމަތިލައި، އެމީހުންގެ މޫނުމަތީގައި ޖަހާ މަންޒަރު ވަނީ ވީޑިއޯކޮށް، އެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ފެތުރިފައި. އެކަމުގެ ސަބަބުން އޭނާ ވެފައި ވަނީ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލުމުގައި ނަމޫނާއެއް ކަމުގައި. އެ ހާދިސާއާއި ގުޅިގެން އޭނާގެ މަންމަ ވެސް ވަނީ ޖަލަށް ލާފައެވެ.
އަހެދް ތަމީމީއާއި އޭނާގެ މަންމަ ބަންދު ކޮށްފައި ހުރި ޖަލުގެ ތަރުޖަމާނު އައްސަފް ލިބްރާތީ އޭ.އެފް.ޕީއަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ، ތަމީމީއާއި އޭނާގެ މަންމަ، އިޒްރާއީލުގެ ޖަލުން ނެރެގެން ވެސްޓް ބޭންކުގައި އެމީހުން ދިރިއުޅޭ ގެއަށް ގެންދާނީ އިޒްރާއީލު އޮފިޝަލުންގެ ބެލުމުގެ ދަށުގައި އެމީހުންގެ ވެހިކަލެއްގައި ކަމުގައެވެ.
އަހެދް ތަމީމީ ހައްޔަރު ކުރެވުމާއި އޭނާގެ ޝަރީއަތް ހިނގާދިޔަ ގޮތް ވަނީ ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ހޯދާފައެވެ. އަދި އިންސާނިއްޔަތައް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ފަރާތްތަކާއި ޖަމިއްޔާތަކުން ވެސް އޭނާ ދޫކޮށްކުމަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން އަހެދް ތަމީމީ ހައްޔަރު ކުރުން ވެގެންދިޔައީ، އިޒްރާއީލުން ފަލަސްތީނުގެ ކުޑަކުދިން ހައްޔަރު ކުރަމުންދާތީ، އެ މައްސަލަވެސް ދުނިޔޭގެ ސަމާލުކަމަށް އައިސް، ފުޅާ ދާއިރާއެއްގައި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެވި، އިޒްރާއީލު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުމަށް އެޅުނު ބާރަކަށެވެ.