މިސްރުގައި ޑިމޮކްރެޓިކް އުސޫލުން އައްޔަނު ކުރެވުނު އެންމެ ފުރަތަމަ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން ބަޣާވާތް ކޮށްގެން 2013 ގައި ވައްޓާލުމުގައި ބައިވެރިވިކަން ސާބިތުވާ 75 މީހަކަށް މިސްރުގެ ކޯޓަކުން ހޮނިހިރު ދުވަހު މަރުގެ ޙުކުމް ކޮށްފިއެވެ.
މިސްރުގެ ވެރިރަށް ޤާހިރާގެ ރަބާގައި ބޭއްވި އެއްވުންތަކުގައި ބައިވެރި ވުމުގެ ކުށް ސާބިތުވެ، މިސްރުގެ ކޯޓުން މަރުގެ ޙުކުމް ކުރި މީހުންގެ ތެރޭގައި މިސްރުގެ ކުރީގެ ސިޔާސީ ޕާޓީ އަދި މިހާރު ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ މުސްލިމް ބްރަދަރހުޑްގެ އިސް އޮފިޝަލުންތަކެއް ވެސް ހިމެނެއެވެ.
މި ޙުކުމް ތަންފީޒު ކުރުމާމެދު ގޮތެއް ނިންމާނީ މިސްރުގެ ދީނީ ކަންތައްތަކާއި ބެހޭ އެންމެ އިސް ފަރާތް ކަމުގައިވާ ގްރޭންޑް މުފްތީއާއި މަޝްވަރާ ކުރުމަށް ފަހު އޭނާގެ ލަފައާއި އެއްގޮތަށެވެ.
މިސްރުގެ ޤާނޫނު ބުނާ ގޮތުގައި، މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ކުރިން ގްރޭންޑް މުފްތީގެ ލަފާ ހޯދަން ޖެހޭ، އަދި އޭނާގެ ލަފައާއި ހުއްދައާއި އެކު ނޫނީ މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ މަނާ ކަމެކެވެ.
މުފްތީ ދެއްވާ ލަފައާއި އެއްގޮތައް މެނުވީ މަރުގެ އެއްވެސް ޙުކުމެއް މިސްރުގައި ތަންފީޒު ނުކުރޭ. އެގޮތުން މުފްތީ ވަނީ 2014 ވަނަ އަހަރު މުސްލިމް ބްރަދަރހުޑްގެ ވެރިޔާ މުޙައްމަދު ބަދީގެ މަރުގެ ޙުކުމް ހުއްޓުވާފައެވެ. އެ ޙުކުމާއި އިދިކޮޅަށް މުފްތީ ލަފާ ދެއްވުމުން މުޙައްމަދު ބަދީގެ ޖަލު ޙުކުމް ވަނީ އުމުރު ދުވަހަށް ޖަލުގެ ޙުކުމަކަށް ބަދަލު ކޮށްފައެވެ.
ބަޣާވާތުގެ ކުށް ސާބިތުވެ މަރަށް ޙުކުމް ކުރި 75 މީހުންގެ ޙުކުމާއިމެދު އެންމެ ފަހުގެ ނިންމުން ނިންމުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހުއެވެ.