މާދަމާ (29 ޖުލައި 2018) ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަަވައިފިއެވެ.
މިކަން ހާމަކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ޢަލީ މިއަދު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ އާދީއްތަ ދުވަސް ބަންދު ދުވަހަކަށް ހެދުމަށް ނިންމަވާފައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރާއި ހެވިކަމުގެ ރަސްމިއްޔާތު މިރެޔަށް ބަދަލުކޮށްފައިވާތީ ކަމަށެވެ. އަދި އެ ހަރަކާތްތަކުގައި ބައިވެރިވާ ގިނަ ޢަދަދެއްގެ ކިޔަވާ ކުދިންނާއި ސަރުކާރުގެ މުވައްޒަފުންނަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ.
މުއާޒު އިތުރަށް ވިދާޅުވީ ދެން ސަރުކާރު އޮފީސްތައް ރަސްމީކޮށް ހުޅުވާނީ މި މަހުގެ 30 ވާ ހޯމަ ދުވަހު ކަމަށެވެ.
މިރޭ ބާއްވަން ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތައް ފަސްކުރަން ނިންމާފައިވާ އިރު، މިއަދު ބާއްވަން ހަމަޖެހިފައިވާ ސިފައިންގެ ޝަރަފުގެ ހިނގާލުންވެސް ވަނީ ފަސްކޮށްފައެވެ.
އެމްއެންޑީއެފް އިން ބުނީ ޝަރަފުގެ ހިނގާލުން ދެން ބާއްވާނެ ދުވަހެއް ފަހުން އިޢުލާނު ކުރާނެ ކަމަށެވެ.