އަމިއްލަ ފަރާތަކުން ހަދަން ނިންމާފައިވާ މާވެޔޮ މިސްކިތުގެ މަސައްކަތް ނުނިމި ޒަމާންތަކެއް ފާއިތުވެ ދާތީ ގިނަބައެއްގެ ޝަކުވާތައް އޮހެމުން ދަނިކޮށް ތަނބުތައްޖަހާ ޢިމާރާތް ރާނަން ފަށައިފިއެވެ.
450 މީހުންގެ ޖާގައިގެ ދެބުރީގެ މި މިސްކިތް އަމިއްލަ ފަރާތުން 3 ބުރިއަށް ހަދަން ކުރިން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ސަރުކާރުން ބައެއް ޚަރަދުތައް ކުރާ ގޮތަށް މިސްކިތަށް އިތުރު ދެ ބުރިއެއް އިތުރުކޮށް 5 ބުރިއަށް ހެދުމަށް ނިންމިތާވެސް މިހާރު ވަނީ އެތައް މަސްތަކެއް ފާއިތުވެގެން ގޮސްފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މާވެޔޮ މިސްކިތް އެޅުމަށް އަމިއްލަ ފަރާތަކާ ހަވާލުކުރީ އެފަރާތުން އަމިއްލައަށް އެކަމަށް އެދިގެން ކަމަށެވެ. ނަމަވެސް މަސައްކަތް ފަށަން އެއްބަސްވި ގޮތަށް މަސައްކަތްތައް ކުރިއަށް ނުދާތީ ރައްޔިތުންގެ ޝަކުވާ ލިބެން ފެށުމުން މި މިސްކިތް އެޅުމުގެ ހުރިހާ ކަމެއް ސަރުކާރުން ކުރާ ގޮތަށް ނިންމީ ކަމަށެވެ. އަދި އެ މިސްކިތުގެ ހުރިހާ މަސައްކަތެއް ކުރާނީ ސަރުކާރުން ކަމަށެވެ.
މިސްކިތުގެ މަސައްކަތް ނުނިމި ލަސްވަމުންދާތީ އެހިސާބުގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާތީ ރައްޔިތުންގެ ޝަކުވާ އިސްލާމިކް މިނިސްޓްރީއަށް އެތައް ފަހަރަކު ހުށަހަޅާފައިވެއެވެ.
މާވެޔޮ މިސްކިތުގެ ބާ ޢިމާރާތް ތަޅާލުމަށްވެސް 8 މަސް ދުވަސް ވަނީ ނަގާފައެވެ.
ދައުލަތުގެ ބަޖެޓުން 17 މިލިއަން ރުފިޔާ ޚަރަދުކުރަން ނިންމާފައިވާ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ ހުޅުވޭނެ ތާރީޚެއް އަދިވެސް ނޭނގެއެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރިގެ ޖޫން މަހު ބުނެފައިވަނީ މި އަހަރުގެ ނިޔަލަށް މިސްކިތުގެ މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
އާ މިސްކިތް ނިމި ހުޅުވާ އިރު، އެންމެ ޒަމާނީ ފެންވަރަށް އެ މިސްކިތް ހަދާ، 1500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށެވެ.