އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖުއާންލުއިޖީ ބުފޮން އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.
މިހާރު އުމުރުން 40 އަހަރުގެ ކީޕަރު ފްރާންސްގެ ޕީއެސްޖީއަށް ސޮއިކޮށްފައިވާއިރު، ޕީއެސްޖީ އިން ވަނީ ބުފޮން އެކްލަބަށް ސޮއިކޮށްފައިވާކަން ރަސްމީކޮށް އިޢުލާންކޮށްފަ އެވެ.
އުމުރުން 40 އަހަރުގެ ބުފަން ހޯދުމަށް އިޓަލީގެ އެހެން ކްލަބްތަކަކުން ވަނީ މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭސީ މިލާން، ރޯމާ ހިމެނެ އެވެ.
17 އަހަރު ހޭދަކޮށް 656 މެޗު ޔުވެންޓަސްއަށް ކުޅެދިނުމަށްފަހު ބުފަން އެޓީމު ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާގެ ދަށުންނެވެ.
ފުރަތަމަ ފަހަރު ގައުމުން ބޭރު ކުލަކަށް ބަދަލުވުމަށްފަހު ބުފޮން ބުނީ ގައުމުން ބޭރު ކުލަބަކަށް ބަދަލުވުމަކީ ކުރިން ނިންމާފައިވާ ކަމެއް ނޫންކަމަށާއި އެހެން ނަމަވެސް ޕީއެސްޖީ އަކީ އޭނާގެ ހިތުން ޖާގައެއް ދީފައިވާ ކުޅަބަކަށްވުމުން ބަދަލުވީކަމަށެވެ.
ޔުވެންޓަސްއާ އެއްކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބުފޮން ވަނީ މިހާތަނަށް އޭނާގެ ކެރިއަރުގައި 1050 މެޗު ކުޅެފައެވެ. އިޓަލީ ލީގުގެ 9 ސީޒަނެއް ކާމިޔާބުކޮށް އިޓާލިއަން ކަޕް 5 ފަހަރު ހޯދާފައިވެއެވެ. އަދި މީގެ އިތުރުން ޔޫއެފާ ކަޕަކާއި ވޯލްޑް ކަޕެއްވެސް ވަނީ ކާމިޔާބުކޮށްފައެވެ.
މިއަހަރު ރަޝިއާގައި ކުޅެމުންގެންދާ ފީފާ ވޯލްޑްކަޕު ފުޓުބޯޅަ މުބާރާތަށް އިޓަލީ ކޮލިފައި ނުވުމާއި ގުޅިގެން ބުފަން ވަނީ އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާންކޮށްފައެވެ.