މިހާރު ރަޝިޔާގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި މިރޭ ސްވިޑަންއާ ދެކޮޅަށް ނުކުންނައިރު، އިންގްލެންޑްގެ ހުރިހާ ސަޕޯޓަރުން ވެސް ތިބީ ސެމީ ފައިނަލްގެ އުންމީދުގަ އެވެ. ސެމީފައިނަލްގެ އުންމީދު ދެޓީމުންވެސް ކުރާނެއެވެ. ކޮންމެ ޓީމަކުންވެސް އަމުދުން މިހިސާބައް ގޮސް މުބާރާތުން ކަޓައިގެންދާކަށް ޔަގީނުންވެސް ބޭނުމެއްނުވާނެއެވެ.
މިރޭ މި ދެޓީމު ކުރިމަތިލާއިރު، ސްވިޑަން އަތުން އިންގްލެންޑް މޮޅުވާނެ ކަމުގެ ޔަޤީންކަން އިނގިރޭސި ގިނަ ސަޕޯޓަރުންނަށް އެބައޮތްކަމުގައި އެމީހުންދަނީ ބުނަމުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑަށް ނޮކްއައުޓް ސްޓޭޖުގައި ފުޓްބޯޅައިގެ ގަދަ ބާރަކާ ކުރިމަތިލާން ނުޖެހި، ފައިނަލަށް ދަތުރުކުރުމުގެ މަގު އިންގްލެންޑަށް ލިބިފައި އޮތުމަކީ އިންގްލެންޑްގެ ސަޕޯޓަރުންގެ އުންމީދުތައް އާވެގެންދާ އެންމެ ބޮޑު އެއް ސަބަބެވެ.
ސައުތް ގޭޓް ބުނިގޮތުގައި އިނގިރޭސި ޓީމުން މިހާތަނަށް ދައްކާފައިވަނީ މޮޅު ކުޅުމެއް ކަމަށާއި އެކަމަށް ޓީމުގެ ކުޅުންތެރިންނަށް ޝުކުރު އަދާކުރުން ހައްޤުކަމަށެވެ. އަދި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ވެސް ވަނީ ޓީމުގެ ކުޅުމާއި ބެހޭގޮތުން ވާހަކަދައްކާފައެވެ. ކޭން ބުނީ ޓީމު އޮތީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށާއި އަދި ޓީމެއްގެ ގޮތުގައި އިންގްލެންޑް މި ވަގުތު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށެވެ.
އަދި ކޭން ބުނީ ސްވިޑަން އަކީ ވެސް ރަނގަޅު ޓީމެއްކަން މި މުބާރާތުގައި އެ ޓީމުން ވަނީ ސާބިތުކޮށްދީފަ ކަމަށާއި އެހެންކަމުން އިންގްލެންޑަށް ވެސް ސްވިޑަން ފަސޭހަކޮށްލެވޭކަށް ނެތްކަމަށެވެ.
މިރޭގެ މެޗާއި ގުޅޭގޮތން ސްވިޑަންގެ ކޯޗު ޔާން އެންޑަސަން ބުނީ އިންގްލެންޑު ޓީމަކީވެސް ވަރުގަދަ ޓީމެއް ކަމަށާއި އިޓީމު ބަލިކުރުން އުނދަގުވާނެކަމަށެވެ. އެހެން ނަމަވެސް މަސައްކަތް ކުރާނީ މޮޅުވަންކަމަށްވެސް އޭނާ ބުންޏެވެ.
މި މެޗަށް ނުުކުންނައިރު ސްވިޑަންގެ ޑިފެންޑަރު މިކެލް ލުސްޓިގް އަށް ވަނީ ދެ ކާޑު ހަމަވެފައި ވުމާއެކު ސަސްޕެންޑް ވެފައެވެ. އެކަމަކު ސަސްޕެންޝަންގެ ސަބަބުން ދެވަނަ ބުރުގައި ނުކުޅެވުނު ސެބަސްޓިއަން ލާސަން އަށް މިރޭގެ މެޗުގައި ކުޅެވޭނެ އެވެ.
އިންގްލެންޑްގެ ޓީމުގައި އިންޖަރީގެ މާބޮޑު މައްސަލައެއް ނެތްނަމަވެސް ފޯވަޑް ޖޭމީ ވާޑީ އަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. އެހެން ކަމުން މިރޭގެ މެޗަށް އޭނާ ފިޓުވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.
މިއީ ސްވިޑަން އާއި އިންގްލެންޑް ބައްދަލުކުރާ 25 ވަނަ މެޗެވެ. އަދި ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރާ ތިން ވަނަ ފަހަރެއެވެ.