ޚަބަރު ފީތާ

ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސް އަށް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ  އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ގުޅެން އެއްބަސްވެއްޖެ ކަމުގައި މީޑިއާ ރިޕޯޓުތަށް ބުނެފިއެވެ.

9 އަހަރު ރެއާލް މެޑްރިޑުގައި ހޭދަކޮށް ގިނަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ގުޅެން އެއްބަސްވެފައިވަނީ މިރޭގެ ވަގުތެއްގައެވެ.

މަސްހޫރު ކުޅިވަރު ވެބްސައިޓެއްކަމުގައިވާ ”ގޯލް ޑޮޓްކޮމް“ އިން ޔަގީންކޮށްދޭ ގޮތުގައި ރެއާލް މެޑްރިޑަށް ކުޅެމުން އައި ތަރި ރޮނާލްޑޯ ޔުވެންޓަސްއަށް ސޮއިކުރުމަށް އެއްބަސްވެފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މިހާރު އުމުރުން 33 އަހަރުގެ ފޯވާޑް ޖުވެންޓަސްއާ ގުޅޭނީ އޭނާ އެޓީމުގައި ހޭދަކުރާ ކޮންމެ ސީޒަނަކަށް 26.5 މިލިއަން ޕައުންޑު ( 35 މިލިއަން ޑޮލަރު) ގެ އަގަކަށެވެ. ރޮނާލްޑޯ ގެންދިއުމަށް ޔުވެންޓަސްއިން 88 މިލިއަން ޕައުންޑްގެ އަގެއް ވަނީ ހުށައަޅާފައެވެ. މީގެ ކުރިން އެހާ ބޮޑު އަގެއްގައި އިޓަލީ ލީގާ ކުޅުންތެރިއަކު ގުޅިފައިނުވާއިރު މިއީ ރެކޯޑު އަގެކެވެ.

ރޮނާލްޑޯ ޔުވެންޓަސްއަށް ސޮއިކުރުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތަށް ކަށަވަރުކޮށްދީފައިވާއިރު ޔުވެންޓަސްގެ މެނޭޖްމަންޓުން އަދިވެސް ދަނީ ރެއާލްއާ އެކު މަސްވަރާތަށް ކުރަމުންނެވެ. އެގޮތުން ރިޕޯޓުތަށް ބުނާގޮތުން ރެއާލްއިން ރޮނާލްޑޯ ދޫކޮށްލަން ކިޔާ އަގު 106 މިލިއަން ޕައުންޑަށް އަރާނެއެވެ.

ޔުވެންޓަސްގެ ކުރީގެ ސީއީއޯ ލޫސިއާނޯ މޮގީ ބުނެފައިވާ ގޮތުގައި އޭނާ ޔުވެންޓަސްގެ ސީއީއޯއަކަށް ހުރެ ރޮނާލްޑޯގެ އެންމެ ޒުވާން އުމުރުގައި ވެސް އެ ކްލަބަށް ގެންނަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެ މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.

1994 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާއި ހަމައަށް ޔުވެންޓަސްގައި މަސައްކަތް ކުރި މޮގީ ބުނާގޮތުގައި އޭނާގެ ނަޒަރުގައި ރޮނާލްޑޯ މިހާރު ވަނީ މިއުނިކްގައި އޮތް ހަފްލާއެއްގައި ޔުވެންޓަސް އާއި އެކު އެގްރީމަންޓުގައި ސޮއިކޮށް، މެޑިކަލް ޓެސްޓުން ވެސް ހަދާފައެވެ.

ރެއާލް މެޑްރިޑްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮނާލްޑޯ އެޓީމަށް ގިނަ ކާމިޔާބުތަކެއް ހޯދައިދިން އިރު ޚުދު ރެއާލްއިންވެސް އަދިވެސް އޭނާ ދޫކުރާކަށް ހިންހަމައެއް ނުޖެހެއެވެ. އެހެން ނަމަވެސް ރޮނާލްޑޯ ރެއާލް ދޫކޮށްލަން މާކުރިންވެސް ނިންމާފައިވާ ކަމަށް އޭނާގެ އޭޖެންޓާ ހަވާލާދީ ރިޕޯޓްތަށް ވަނީ ބުނެފައެވެ. ރިޕޯޓުތަށް ބުނާގޮތުން ރޮނާލްޑޯ އެންމެ ފަހުން ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްމެޗަށް ފަހު ރެއާލް ދޫކޮށްލަން ނިންމިއެވެ.

Rate this post