ޚަބަރު ފީތާ

ފީފާ ވޯލްޑްކަޕް 2018: ސާބިއާ – ސްވިޒަލޭންޑް

 

ގުރޫޕް އީގައި ހިމެނޭ ސާބިއާ އަދި ސްވިޒަލެންޑް މިރޭގެ މެޗަށް ނިކުންނައިރު، ދެޓީމުވެސް އަދި ކުޅުނު މެޗުތަކުން ބަލިވެފައެއް ނުވެއެވެ. ސާބިއާ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކޮސްޓަ ރީކާ އަތުން 0-1 އިން މޮޅުވެފައެވެ. އެހެން ކަމުން މިރޭގެ މެޗުން އެޓީމު މޮޅެއްހޯދައިފިނަމަ މުބާރާތުގެ ދެވަނަ ބުރު ޔަގީންވާނެއެވެ. މި މެޗަށް ނުކުންނައިރު ސާބިއާގެ ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއްނެތެވެ.

ސްވިޒްލޭންޑަށް ބަލާއިރު، މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ވަނީ ބްރެޒިލްއާ ވާދަކޮށް 1-1 އިން އެއްވަރުކޮށް، މުހިންމު ޕޮއިންޓެއް ހޯދައިފަ އެވެ. އެހެން ކަމުން މިރޭގެ މެޗުން އެޓީމު މޮޅުވެއްޖެނަމަ ދެވަނަ ބުރަށް ދިއުމަށް ފަސޭހަވަގެންދާނެއެވެ. ސްވިޒަލޭންޑްގެ ޓީމުގައިވެސް އަނިޔާގެ މައްސަލައެއް ނެތެވެ.

ސާބިއާ

ސާބިއާ މިނިވަން ގައުމަކަށް ވުމުގެ ކުރިން، ފުޓްބޯޅައިގެ ތާރީހުގައި ގުޅިފައި އޮތީ ކުރީގެ ޔޫގޮސްލާވިއާ އަދި ސާބިއާ އެންޑް މޮންޓެނީގްރޯއާ އެވެ. ކުރީގެ ޔޫގޮސްލާވިއާ އިން ވަނީ ދެ ފަހަރު ވޯލްޑް ކަޕްގެ ހަތަރު ވަނަ މަގާމު ހޯދައިފަ އެވެ. އަދި ގިނަ އަހަރުތަކެއްގައި ވޯލްޑް ކަޕްގައި ވާދަކުރި އެވެ. ޔޫގޮސްލާވިއާގެ ފަހު ވޯލްޑް ކަޕަކީ 1998 ގެ މުބާރާތެވެ. ޔޫގޮސްލާވިއާ ރޫޅުމަށް ފަހު، އުފެދުނު ސާބިއާ އެންޑް މޮންޓެނީގްރޯ އިން 2006ގެ ވޯލްޑް ކަޕްގައި ވާދަކުރި އެވެ. ސާބިއާ ވަކި ދައުލަތަކަަށް ވީ ފަހުން އެ ގައުމުން ވަނީ 2010ގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ.

ސްވިޒަލޭންޑް

މިއީ ވޯލްޑްކަޕުގައި ސްވިޒަލޭންޑް ވާދަ ކުރާ 11 ވަނަ ފަހަރެވެ. ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް ތިން ފަހަރު ދަތުރު ކުރި އެވެ. އޭގެ ތެރެއިން އަމިއްލަ ގައުމުގައި 1954 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުވެސް ހިމެނެ އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގެ ދެ ވަނަ ބުރަށް ދަތުރު ކުރި އެވެ. ދެ ވަނަ ބުރުގައި އެ ޓީމު ބަލިވީ މުބާރާތުގެ ރަނަރަފު އާޖެންޓީނާ އަތުންނެވެ. ވޯލްޑްކަޕުގެ ނޮކައުޓް މެޗަކުން ސްވިޒަލޭންޑަށް މޮޅު ނުވެވޭތާ 64 އަހަރު ވެއްޖެ އެވެ. ނޮކައުޓް މެޗަކުން އެ ޓީމު އެންމެ ފަހުން މޮޅުވީ އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑްކަޕުގައި ގުރޫޕްގެ ޕްލޭއޮފް މެޗުގައި އިޓަލީ އަތުންނެވެ. މިފަހަރުގެ ވޯލްޑްކަޕަށް އެ ޓީމު ޓާގެޓަކަށް އޮތީ އެންމެ ކުޑަ މިނުން ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމުވެ.

ސާބިއާ އަދި ސްވިޒަލޭންޑް މީގެ ކުރިން ވާދަވެރި މުބާރާތެއްގައިވެސް އަދި އެކުވެރިކަމުގެ މެޗެއްގައިވެސް ބައްދަލުކޮށްފައެއްނުވެއެވެ.

 

Rate this post