ފީފާ ވޯލްޑްކަޕް 2018: ފްރާންސް އަދި ޕެރޫގެ މެޗަށް ބަލާލުމެއް

 

ފީފާ ވޯލްޑްކަޕުގެ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިރޭ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ފްރާންސާއި ޕެރޫ ކުރިމަތިލާ މެޗަކީ ވަރުގަދަ ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. ގްރޫޕް ސްޓޭޖުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުން އޮސްޓްރޭލިއާ އަތުން މޮޅެއް ހޯދާފައިވާއިރު، ޕެރޫ ވަނީ ޑެންމާކުއަތުން ބަލިވެފައެވެ. ކަންމިހެން އޮތް ނަމަވެސް މިރޭގެ  މި މެޗަކީ ބޮޑުމެޗަކަށް ވެގެންދާނެއެވެ. މިފަހަރުގެ މުބާރާތުގައި ފްރާންސްކުޅުނު ފުރަތަމަ މެޗަށް ބަލާއިރު އެޓީމަށް މާ އެދެވޭ ކުޅުމެއް ކުޅެވިފައެއް ނުވެއެވެ. އެގޮތުން މުބާރާތުގައި ކުޅުނު ފުރަތަަމަ މެޗުގައި އޮސްޓްރޭލިއާ އަތުން ފްރާންސްއަށް މޮޅުވެވުނީ އުނދަގުލުންނެވެ. މުބާރާތުގައި ކުޅެންޖެހޭ ދެވަނަ މެޗުގައި މިރޭ ޕެރޫއާ ދެކޮޅަށް ފްރާންސް ނުކުންނައިރު، މި މެޗުން މޮޅުވެގެން ފްރާންސަށް ދެވަނަ ބުރުގެ ފުރުސަތު ބޮޑުކުރެވޭނެ އެވެ. އަދި ޕެރޫއަށް މިރޭގެ މެޗުން މޮޅުވެގެން ދެވަނަ ބުރުގެ އުންމީދު އާކުރެވޭނެއެވެ.

އިޝްތިހާރު Below Header ad

ޕެރޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ޑެންމާކް އަތުން ބަލިވިނަމަވެސް ރަނގަޅު ކުޅުމެއް ކުޅެފައެވެ.  އެކަމަކު މިރޭގެ މެޗުން ފްރާންސް ބަލިކުރުމަކީ އެ ޓީމަށް ފަސޭހަކަަމަކަށް ނުވާނެ އެވެ. އެހެންނަމަވެސް ޕެރޫ އަކީ ފްރާންސް ބަލިކޮށް ނުލެވޭވަރުގެ ޓީމެއްނޫނެވެ.

މިރޭގެ މެޗަށް ދެޓީމު ނުކުންނައިރު، މި ދެ ޓީމަށް ވެސް އަނިޔާގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ. އެހެން ނަމަވެސް ދެ ޓީމުގެ ފުރަތަމަ 11 އަށް ބަދަލުތަކެއް އައުމަކީ ކައިރިކަމެކެވެ.

ފްރާންސް އާއި ޕެރޫ މިހާތަނަށް ވާދަވެރި އެއްވެސް މުބާރާތެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ. މި ދެޓީމު ބައްދަލުކޮށްފައިވަނީ ބައްދަލުކޮށްފައިވަނީ 35 އަހަރު ކުރިން އެކުވެރިކަމުގެ މެޗެއްގައެވެ. އެމެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ޕެރޫ އެވެ.

ފްރާންސް

ފްރާންސަކީ ޔޫރަޕްގެ ފުުޓްބޯޅައިގައި ފާހަގަކޮށްލެވޭ ގަދަ ބާރެކެވެ.  ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް ތިބި ގައުމެކެވެ. ވޯލްޑް ކަޕެއްގައި ފްރާންސަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. އެ އަހަރުގެ މުބާރާތް އޮތީ ފްރާންސްގަ އެވެ. ފްރާންސް ތަށި ހޯދީ ފައިނަލްގައި ވަރުގަދަ ބްރެޒިލް ބަލިކުރުމަށް ފަހު އެވެ.

ފްރާންސް ވަނީ 2006ގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެކަމަކު ފައިނަލްގައި އެޓީމު ވަނީ އިޓަލީ އަތުން ބަލިވެފަ އެވެ. ފްރާންސަކީ 1998 ވަނަ އަހަރުން ފެށިގެން ގަވައިދުން ވޯލްްޑް ކަޕްގައި ވާދަކުރަމުން އަންނަ ގައުމެކެވެ. މިއީ ފްރާންސް ވޯލްޑް ކަޕްގައި ވާދަކުރާ 15 ވަަނަ ފަހަރެވެ.

ފްރާންސް ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އެޓީމަކީ ވެސް ތަރިންގެ ޓީމެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ތަރިންގެ ތެރޭގައި އެންޓޯނިއޯ ގްރީޒްމަން ، ޕޯލް ޕޮގްބާ ، އޮލިވިއާ ގީރޫޑް، ގޯލް ކީޕަރު ހޫގޯ ލޮރިސް ހިމެނެއެވެ.

ހޫގޯ ލޮރިސް އަކީ ފްރާންސް ޓީމުގެ ކެޕްޓަނެވެ.   ތަޖުރިބާކާރު ގޯލްކީޕަރެކެވެ. އުމުރުން 31 އަހަރުގެ ލޮރިސް ގައުމީ ޓީމަށް ކުޅެން ފެށީ 2008 ގަ އެވެ. ލޮރިސް ވަނީ 2010 އަދި 2014ގެ ވޯލްޑް ކަޕާއި 2012 އަދި 2016ގެ ޔޫރޯގައި ފްރާންސްގެ ގޯލު ބަަަލަހައްޓައިފަ އެވެ. ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ލޮރިސް އަކީ މި ވަގުތު ފްރާންސްގެ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އެހެންކަމުން މި ފަހަރުގެ ވޯލްޑް ކަޕްގައި ލޮރިސްގެ މުހިންމުކަން ފްރާންސަށް ބޮޑުވާނެ އެެެވެ.

ޕެރޫ

ޕެރޫގެ ޓީމަށް ބަލާއިރު، އެޓީމު މިފަހަރުގެ ވޯލްޑް ކަޕުގައި މި ވާދަކުރަނީ ދިގު މުއްދަތަކަށް ފަހުގައެވެ. މިއީ 1982 ވަނަ އަހަރުގެ ފަހުން ޕެރޫ ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ފީފާ ރޭންކިންގެ 11 ވަނާގައި މިވަގުތު އޮތް ޕެރޫ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޕްލޭއޮފް ކުޅެގެންނެވެ.  ޕްލޭއޮފްގައި ނިއު ޒިލޭންޑްގެ މައްޗަށް ކުރި ހޯދައި، ޕެރޫ ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.

ޕެރޫގެ މުހިންމު ކުޅުންތެރިންނަށް ބަލާއިރު ޖެފަސަން ފަފާން އަދި ޕައުލޯ ގުއެރޭރޯ ގެ އިތުރުން އަލްބާޓޯ ރޮޑްރިގޭޒް ފާހަގަކޮށްލެވެއެވެ.

މީގެ ތެރެއިން ޕެރޫގެ އެންމެ ތަޖުރިބާކާރު އަދި ހުނަރުވެރި އެއް ކުޅުންތެރިއަކީ ޖެފަސަން ފަފާން އެވެ. ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅެފައިވާ ފަފާން އަކީ މިހާރު ޕެރޫގެ ޤައުމީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެކެވެ.

ފަފާން ޔޫރަޕްގައި މަޝްހޫރުވެގެންދިޔައީ ނެދަލޭންޑްސްގެ ޕީއެސްވީ އިންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ޖަރުމަންގެ ޝާލްކޭ އަށް ގިނަ އަހަރުތަކަކަށް ކުޅެފަ އެވެ. މިހާރު އޭނާ ކުޅެމުންދަނީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯއަށެވެ.

ޕެރޫގެ ޤައުމީ ޓީމަށް 2004 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ފަފާން ،23، ވަނީ ޤައުމީ ޓީމަށް 79 މެޗު ކުޅެ، 23 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން ގުއެރޭރޯ އަކީވެސް ޕެރޫގެ މުހިންމު ކުޅުންތެރިއެކެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ބްރެޒިލްގެ ފްލަމެންގޯ އަށެވެ.  ކުރިން ބަޔާން މިއުނިކް އާއި ހެމްބާގަށް ކުޅެފައިވާ ފޯވަޑް ގުއެރޭރޯ ،34، އަކީ ޕެރޫގައި އުފެދުނު އެންމެ މޮޅު އެއް ފޯވަޑެވެ.

ގުއެރޭރޯ ޤައުމީ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރެވެ. އަދި އޭގެ ފަހުން ޕެރޫ ވާދަކޮށްފައިވާ ބައިނަލްއަޤުވާމީ މުބާރާތްތަކާއި މެޗުތަކުގައި ގުއެރޭރޯ އަކީ ގަވައިދުން ޖާގަ ހޯދަމުންދާ ކުޅުންތެރިއެކެވެ.

ޤައުމީ ޓީމަށް މިހާތަނަށް ކުޅުނު 86 މެޗުގައި ގުއެރޭރޯ ވަނީ 32 ލަނޑު ޖަހައިފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.