މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓަރސް ލިސްޓަަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ހުށަހަޅާފައިވަނީ 1700 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ރޭ 22:30އަށް ހަމަވިއިރު، އީސީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މުޅި ރާއްޖެއިން 1،778 ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންނާއި 18 އަހަރުން ދަށުގެ ކުދިންގެ ނަންތައް ވޯޓަރސް ލިސްޓުގައި ހުރުން ކަމަށެވެ.
Riyaasee Inthikhaabu 2018ge voters listah shakuvaa hushahelhumuge sungadi hamavi iru 1778 shakuvaa vanee election commission ah libifaeve. adhi meege therey maigandu gothehga huree maruvefaivaa meehunaa 18 aharun dhashuge kudhinge nan voters list gai himenifaivaa kamuge shakuvaa
— Elections Commission (@ElectionsMv) June 21, 2018
އީސީގެ މެމްބަރު އަދި ތަރުޖަމާން އަޙްމަދު އަކްރަމް ވިދާޅުވީ އެމްޑީޕީ އާއި އެހެން ޕާޓީތަކުންވެސް ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހަޅާފައިވާ އިރު، އެމްޑީޕީން 800 އަށް ވުރެ ގިނަ މައްސަލަ އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ޝަކުވާތައް ބަލައިގެންފައިވާ ކަމަށާއި އެ ކަންކަން އިސްލާހުކުރުމަށް ފަހު، ޤާނޫނުގައި އޮންނަ މުއްދަތުގައި ފުރިހަމަ ދާއިމީ ލިސްޓެއް ނެރޭނެ ކަމަށެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް މިއަހަރުގެ ސެޕްޓެމްބަރު 23 ނިންމާފައިވާ އިރު، 263،000 މީހުންނަށް ވޯޓު ލުމުގެ ޙައްޤު ލިބިގެންވެއެވެ.
އެ ކޮމިޝަނުން ބުނީ އެ ލިސްޓަށް ހުށަހަޅާ ޝަކުވާތަކަށް ފަސް ދުވަހުގެ ތެރޭގައި ޖަވާބެއް ދޭނެ ކަމަށާއި އެ ޖަވާބާ މެދު ހިތްހަމަނުޖެހޭ ނަމަ، ހައި ކޯޓަށް ދިއުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.