ޚަބަރު ފީތާ

ހުޅުމާލޭގައި ފެނަކައިން ހަދާ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން 3 ވަނަ ފަހަރަށް އިޢުލާންކޮށްފި

Photo: HDC

ހުޅުމާލޭގައި ފެނަކައިން ހަދާ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން 3 ވަނަ ފަހަރަށް އިޢުލާންކޮށްފިއެވެ.

ބޯހިޔާވަހިކަން ހޯދައިދިނުމަށް ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ފެނަކައިން ހަދަނީ 15 ބުރީގެ ޓަވަރެކެވެ.

މީގެ ކުރިންވެސް ވަނީ ދެފަހަރު އެ އިޢުލާނު ކޮށްފައެވެ.

ފެނަކައިން ބުނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަންޖެހޭ ކަމަށެވެ. އަދި މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރާ ޓަވަރުގެ ދެ ކޮޓަރި އާއި އެއްކޮޓަރީގެ އެޕާޓްމަންޓުތަކުގެ މަސައްކަތް ކަމަށެވެ.

ދެހާހެއްހާ މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ އެ ކުންފުނީގެ ޓަވަރު ޢިމާރާތް ކުރުމަށް 12،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާއިރު، އެތަނުގައި 168 ފްލެޓް ހުންނާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި 80،000 މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި (އެމްޕީއެލް) ސްޓެލްކޯ، އައިލެންޑް އޭވިއޭޝަނާއި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތަކުން ވަނީ އެ ކުންފުންފުނިތަކުގެ ޓަވަރުތައް އަޅައިދޭނެ ބަޔަކު ހޯދަން އިޢުލާން ކޮށްފައެވެ.

ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭން ސަރުކާރުން ފަށާފައިވާ މަޝްރޫޢުގައި ހުޅުމާލޭގައި 15،000 ފްލެޓް އަޅަން ވަނީ ނިންމާފައެވެ. އަދި މި މަޝްރޫޢު އަންނަ އަހަރަށް ނިމޭނެ ކަމަށްވެސް ސަރުކާާރުން ވަނީ ބުނެފައެވެ.

Rate this post