ގްރޫޕު އޭގައި ހިމެނޭ އުރުގުއާއި އަދި ސައުދީ އަރަބިއާ މިރޭގެ މެޗަށް ނިކުންނައިރު މި މެޗަކީ ދެވަނަ ބުރަށް ދިއުމަށް ދެޓީމަށްވެސް މުހިންމު މެޗެކެވެ. މިހާތަނަށް ކޮންމެ ޓީމެއްވެސް ގްރޫޕް ސްޓޭޖުގައި އެއްމެޗު ވަނީ ކުޅެފައެވެ. އޭގެތެރެއިން އުރުގުއާއި މިސްރާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވެފައިވާއިރު ، ސައުދީ އަރަބިއާ ވަނީ މުބާރާތް ބާއްވާގައުމު ރަޝިއާއަތުން ބޮޑު ތަފާތަކުން ބަލިވެފައެވެ. އެހެން ކަމުން މިރޭގެ މެޗުން ސައޫދީ ބަލިވެއްޖެނަމަ އެޓީމަށް ދެވަނަ ބުރަށް ދިއުމުގެ ދޮރު މުޅިންކަހަލަ ގޮތަކަށް ބަންދުވާނެއެވެ. އުރުގުއާއި މޮޅުވެއްޖެ ނަމަ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް މުޅިންހެން ކަށަވަރުވީއެވެ.
އުރުގުއޭ ޓީމަށް ބަލާއިރު ،
އުރުގުއޭއަކީ ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޝަރަފުވެރި ގައުމެވެ. އަމިއްލަ ގައުމުގައި 1930 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގެ އިތުރުން 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބު ކުރި އުރުގުއޭއަކީ އަބަދުވެސް ވޯލްޑް ކަޕްގައި ވާދަކުރަމުންގެންދާ ގަދަ ބާރެކެވެ.
ދެކުނު އެމެރިކާގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް އުރުގުއޭ ވަނީ ދެކުނު އެމެރިކާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ”ކޮޕަ އެމެރިކާ“ ގެ ޗެމްޕިއަންކަންވެސް އެންމެ ގިނައިން ހޯދާ ރެކޯޑު ހަދާފައިވާ ޓީމެކެވެ. އުރުގުއޭ ގުނާ ލެވޭނީ އަބަދުވެސް ވޯލްޑް ކަޕުތަކުގައި ވާދަކުރާ ބޮޑެތި ބާރުތަކުގެ ތެރެއިން އެވެ. ހާއްސަކޮށް މިއަހަރުގެ ވޯލްޑް ކަޕްގައި ހިމެނިފައިވާ ގްރޫޕް ”އޭ“އަށް ބަލާ އިރު، އުރުގުއޭއަކީ އެ ގުރޫޕުގެ ފޭވަރިޓުން ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
އުރުގުއޭ އަދި ބްރެޒިލަކީ ދެކުނު އެމެރިކާ ސަރަހައްދުން މިފަހަރުގެ ވޯލްޑް ކަޕަށް އެންމެ ރަނގަޅު ނަތީޖާތަކަކާއެކު އައި ދެޓީމެވެ.
އުރުގުއޭ ޓީމުގެ މުހިންމު ކުޅުންތެރިންނަށް ބަލާއިރު އެޓީމަކީ ގިނަތަރިންތަކެއްގެ މެޗަށް އެކުލެވުގެންވާ ޓީމެކެވެ. އެގޮތުން ލުއިސް ސުއަރޭޒް، އެޑިންސަން ކަވާނީ،ގޮޑިން ފަދަ ކުޅުންތެރިން ހިމެނެއެވެ.
ސައޫދީ އަރަބިޔާ އަށް ބަލާއިރު :
އެގައުމަކީވެސް ވޯލްޑްކަޕަށް އާޓީމެއް ނޫނެއެވެ. އެހެން ނަމަވެސް ވޯލްޑްކަޕުގައި ކާމިޔާބު ޓީމެއްނޫނެވެ. ސައުދީ އަރަބިއްޔާ ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވީ 1994 ވަނަ އަހަރެވެ. އެ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރަށް ސައޫދީ ކޮލިފައިވި އެވެ. މިއީ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އޭގެ ފަހުން 1998، 2002 އަދި 2006ގެ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ ވާދަކުރި ނަމަވެސް، ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭ ގޮތެއްނުވި އެވެ.
އޭޝިއާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ވާދަވެރިކަން ބޮޑުވެ، ވޯލްޑް ކަޕް ކޮލިފައިންގައި ސައޫދީ އަރަބިއްޔާ އަށް 2010 އިން 2014 ގައި ކާމިޔާބެއް ނުލިބުނެވެ. ދެކުނު އެފްރިކާގައި 2010 ގައި އޮތް ވޯލްޑް ކަޕާއި 2014 ގައި ބްރެޒިލްގައި އޮތް ވޯލްްޑް ކަޕަށް ކޮލިފައިނުވުމަކީ، ސައުދީ އަރަބިއްޔާ އަށް ކުރިމަތިިވި ބޮޑު ނާކާމިޔާބީއެކެވެ. އެކަމަކު މި އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިންގައި ސައުދީ އަރަބިއްޔާ އިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.
ސައޫދިއަކީ މާ މޮޅަތި ކުޅުންތެރިންތަކެއް އުފެދޭ ގައުމެއް ނޫނެވެ. އެހެންކަމުން އެގައުމުގައި މާ މަސްހޫރު ކުޅުންތެރިންނެއް ނުތިބެއެވެ. ސައޫދީ ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ސައޫދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ އަލް ސަހްވާލީ، ޔޫއޭއީގެ އަލް ޝަބާބަށް ކުޅެމުންއަންނަ ތަޖުރިބާކާރު ފޯވަޑް ނާސިރު އަލް ޝަމްރާނީއެވެ.
އުރުގުއާއި އަދި ސައޫދީ އަރަބިއާގެ ބައްދަލުކުރުންތަކަށް ބަލާއިރު، ވާދަވެރި މުބާރާތެއްގައި މި ދެޓީމު މިހާތަނަށް ބައްދަލުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެކުވެރިކަމުގެ ދެ މެޗެއް ވަނީ ކުޅެފައެވެ. އެއީ 2002 ވަނަ އަހަރާއި 2014 ވަނަ އަހަރުގައެވެ. މީގެތެރެއިން 2002 ވަނަ އަހަރު ކުޅުނު މެޗުން އުރުގުއާއީ މޮޅުވެފައިވީނަމަވެސް 2014 ވަނަ އަހަރު ބައްދަލުކުރި މެޗުވަނީ އެއްވަރުވެގެން ނިމިފައެވެ.