ފީފާ ވޯލްޑްކަޕް 2018: ރަޝިއާ އަދި މިސްރު ބައްދަލުކުރާ މެޗަށް ބަލާލުމެއް

ގްރޫޕުގެ އޭގައި މިރޭ މުބާރާތް ބާއްވާ ޤައުމު ރަޝިއާ އަދި މިސްރު ބައްދަލުކުރާ މެޗަކީ ވަރަށް ފޯރިގަދަ މެޗަކަށް ވެގެން ދާނެއެވެ. މި މެޗު ފޯރިގަދަ ވާނެ އެންމެ ބޮޑު ސަބަބަކީ މިރޭގެ މެޗުން މިސްރު ބަލިވެއްޖެ ނަމަ އެޓީމަށް ވޯލްޑްކަޕުގެ ދެވަނަ ބުރުގެ ދޮރު ގާތްގަނޑަކަށް ބަންދުވީއެވެ. މިސްރަށް ހަމަ އެކަނި އޮތްގޮތަކީމިރޭގެ މެޗުން މޮޅުވުމެވެ. މިރޭގެ މެޗުން ރަޝިއާ މޮޅުވެއްޖެނަމަ އެޓީމަށް ގާތްގަނޑަކަށް ދެވަނަ ބުރު ޔަގީންވީއެވެ.

މިރޭގެ މަޗަށް ނިކުންނައިރު މިސްރު ޓީމުން އެޓީމު އުންމީދީ ކުޅުންތެރިޔާ މުޙައްމަދު ސަލާޙް ފެނިގެންދާނެއެވެ. މިރޭ މި ދެޓީމު ކުރިމަތިލާއިރު، ދެޓީމުންކުރެ އެއްވެސް ޓީމެއްގައި އަނިޔާގެ މައްސަލައެއް އަދި ސަސްޕެންސަނުގެ މައްސަލައެއްވެސް ނެތެވެެ.

އިޝްތިހާރު Below Header ad

2018 ފީފާ ވޯލްޑްކަޕުގައި ރަޝިއާވެސް އަދި މިސްރުވެސް ވަނީ މެޗެއް ކުޅެފައެވެ. އެގޮތުން މިސްރު ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން އުރުގުއޭ އަތުން ބަލިވެފައިވާއިރު، ރަޝިއާ ވަނީ ސައުދީ އަރަބިޔާއާ ވާދަކޮށް 0-5 ގެ ނަތީޖާއަކުން މޮޅޫވެފައެވެ.

 

ރަޝިއާ

ރަޝިއާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރާ ޤައުމެވެ. މިއީ ރަޝިއާގައި ފީފާ ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ރަޝިއާ ވަނީ 10 ފަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. ކުރިން ސޯވިއެޓް ޔޫނިއެންގެ ގޮތުގައި އޮތް ރަޝިއާ އިން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1958 ވަނަ އަހަރެވެ. ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރި އަހަރު ރަޝިއާ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ސޯވިއެޓް ޔޫނިއަންގެ ގޮތުގައި ރަޝިއާ އިން ވަނީ 1958 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރާ ހަމައަށް ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި ރަޝިއާ ވޯލްޑް ކަޕްގައި ނުކުޅެނީ 1974 ވަނަ އަހަރާއި 1978 ވަނަ އަހަރެވެ.

ސޯވިއެޓް ޔޫނިއަންގެ ގޮތުގައި ރަޝިއާ ވޯލްޑް ކަޕްގައި ވާދަކުރިއިރު، ތިން ފަހަރު ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ވާދަކޮށްފަ އެވެ. އަދި 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ވަނީ ހޯދައިފަ އެވެ. މިއީ ރަޝިއާ އަށް ވޯލްޑް ކަޕްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ސޯވިއެޓް ޔޫނިއަން ރޫޅި، ވަކި ދައުލަތެއްގެ ގޮތުގައި ރަޝިއާ އުފެދުނު ފަހުން އެ ޤައުމު ވާދަކުރި ފުރަތަމަ ވޯލްޑް ކަޕަކީ 1994 ވަނަ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕެވެ. އަަދި އޭގެ ފަހުން ރަޝިއާ ވަނީ 2002 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ.

މިރޭގެ މެޗަށް ނިކުންނައިރުވެސް އެންމެ ފާހަގަކޮށްލެވެނީ ރަޝިއާގެ ޤައުމީ ޓީމުގެ ކެޕްޓަން އީގޯރ އަކިންފިއޭފް އެވެ. އޭނާ އަކީ މި ވަގުތު ރަޝިއާ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަށް 2003 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ އަކިންފިއޭފް ރަޝިއާގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ.

ރަޝިއާގެ ޤައުމީ ޓީމާއެކު އޭނާ ވަނީ ޔޫރޯގެ ތިން މުބާރާތް، އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ

މިރޭގެ މެޗުގައި މިގަބައެއްގެ ލޯތަށް އަމާޒުވެފައިވަނީ ސައުދީކޮޅަށް 2 ލަނޑު ޖަހާފައިވާ ޑެނިސް ޗެރިޝެޕް އެވެ. މިފަހަރުގެ ވޯލްޑް ކަޕުގައި ދައުދީއާ ދެކޮޅަށް މޮޅުކުޅުމެއް ދައްކާ ދެ ލަނޑު ޖަހާފައިވާ ޗެރިޝެފް މިރޭގެ މެޗަށްވެސް ހުރީ ވަރަށް ފިޓްކޮށެވެ.

މިސްރު

އެފްރިކާ ފުޓްބޯޅައިގައި މިސްރަކީ ވަރުގަދަ ބާރެކެވެ. މިސްރަކީ އެފްރިކާގެ ސަަރަހައްދީ ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ގައުމެވެ. އެގޮތުން އެފްރިކަން ކަޕް އޮފް ނޭޝަންސް ޖުމްލަ ހަތް ފަހަރު ކާމިޔާބުކޮށް، މި މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު އުފުލައިލުމުގެ ޝަރަފް އޮތީ މިސްރަށެވެ.
ނަމަވެސް ވޯލްޑް ކަޕްގައި މިހާތަނަށް މިސްރަށް މާ މުއްސަނދި ތާރީހެއް ލިބިފައެއް ނެތެވެ. އަދި 1990 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕަަކަށް މިސްރު ކޮލިފައިނުވުމަކީ އެ ގައުމުގެ ފުޓްބޯޅަ އަށް ލިބިފައި އޮތް ހީނަރުކަމެކެވެ.

މިއީ މިސްރު ވޯލްޑް ކަޕްގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ވާދަކުރީ 1934 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުގައި ހަންގޭރީ އަތުން 4-2 އިން ބަލިވެ، މުބާރާތުން ކެޓީ އެވެ.

އިޓަލީގައި 1990ގައި އޮތް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި މިސްރުން ވާދަކުރި އެެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވިއިރު، އެއް މެޗުން މިސްރު ވަނީ ބަލިވެފަ އެވެ.

މިސްރު މިރޭގެ ކުރިމަތިލުމަށް ނިކުންނައިރުވެސް އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީމުހައްމަދު ސަލާހުއެވެ.  މި އަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިކޮށްދިން ލަނޑު ޖަހައިދިން ސަލާހަކީ މިސްރުގައި ބަތަލެކެވެ. މިސްރުގެ ގައުމީ ޓީމަށް 2011 އިން ފެށިގެން ކުޅެމުން އަންނަ ސަލާހް ވަނީ މިހާތަނަށް ކުޅުނު 56 މެޗުން 32 ލަނޑު ޖަހައިފަ އެވެ. އިޓަލީގެ އޭއެސް ރޯމާ އިން އިންގްލެންޑްގެ ލިވަޕޫލަށް 2017 ގައި ބަދަލުވެ، ސަލާހް ވަނީ ވިދާލައިފަ އެވެ. މިސްރުގެ ގައުމީ ޓީމާއި ލިވަޕޫލްގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު، އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2017 ގައި ލިބުނީ ވެސް ސަލާހަށެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި މިސްރުގެ އުންމީދުތައް އެންމެ ބޮޑަށް ގުޅިފައި ވަނީ އޭނާއާ އެވެ. ހަމަ އެހެންމެ، އިދިކޮޅު ޓީމުތަކުން އެންމެ ބޮޑަށް ސަމާލުކަމެއް ދޭން ޖެހޭނެ ކުޅުންތެރިޔަކީ ވެސް ނުރައްކާތެރި މި ފޯވަޑެވެ.

ދެޓީމު ބައްދަލުކުރުން

މިސްރު އަރި ރަޝިއާގެ ކުރިމަތިލުންތަކަށް ބަލާއިރު މި ދެޓީމަކީ މީގެކުރިން ވާދަވެރި މުބާރާތެއްގައ ބައްދަލުކޮށްފައިވާ ދެޓީމެއް ނޫނެވެ. އެކުވެރި ކަމުގެ މެޗެއްގައިވެސް މި ދެޓީމު މީގެ ކުރިން ބައްދަލުކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.