ފީފާ ވޯލްޑްކަޕް 2018: ޖަރުމަން އަދި މެކްސިކޯ ބައްދަލުކުރާ މެޗަށް ބަލާލުމެއް

 

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން އަދި މެކްސިކޯ ބައްދަލުކުރާ މެޗަކީވެސް މިފަހަރުގެ ވޮލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭ ބޮޑެތި މެޗުތަކުގެ ލިސްޓުގައި ހިމަނާލެވޭނެ މެޗެކެވެ. އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނާއި މެކްސިކޯ އަކީ ދެ ސަރަހައްްދެއްވިޔަސް ފުޓްބޯޅައިގެ ބޮޑު ދެ ބާރެވެ.

އިޝްތިހާރު Below Header ad

ޖަރުމަންޓީމަށް ބަލާއިރު، ޖަރުމަނަކީ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މިހާތަނަށް ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައި ވުމުން އެއީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު އެއް ގައުމެވެ. ޖަރުމަނުން ވޯލްޑް ކަޕް ތަށި އުފުލައިލީ 1954، 1974، 1990، އަދި 2014 ގަ އެވެ.

ޖަރުމަން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1934 ވަނަ އަހަރެވެ. އޭގެ ފަހުން ޖަރުމަނުން ވަނީ ޖުމްލަ 18 ފަހަރު ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އޭގެ ތެރެއިން 13 ފަހަރު ސެމީ ފައިނަލްގައި އަދި އަށް ފަހަރު ފައިނަލްގައި ކުޅުނެވެ.

މިރޭގެ މެޗަށް ނިކުންނައިރު ޖަރުމަން ޓީމަށް، ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެ ފަހަރުގެ ކާމިޔާބީގައި މުހިންމު ރޯލެއް އަދާކުރި ބައެއް ކުޅުންތެރިން މިހާރު ވަނީ ޤައުމީ ޓީމާ ދުރަށް ގޮސްފަ އެެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑްކަޕް ގައުމަށް ކާމިޔާބުކޮށްދިން ހަމަ އެކަނި ލަނޑު ޖަހައިދިން މާރިއޯ ގޮޓްޒޭވެސް ވަނީ ޓީމުންބޭރުވެފައެވެ.

ބަދަލުތަކާއެކު ވެސް، ވޯލްޑް ކަޕަށް ފަހު މިހާތަނަށް ޖަރުމަން ކުޅުނު ވާދަވެރި މެޗުތަކުގައި ނެރެފައިވާ ނަތީޖާތަށް ގޯހެއްނޫނެވެ.  ވޯލްޑް ކަޕަށް ޖަރުމަން ކޮލިފައިވީ ކުޅުނު 10 މެޗުން ވެސް މޮޅުވެގެނެވެ.

މިރޭގެ މެޗުގައި ފެނިގެންދާނެ މުހިންމު ބައެއް ކުޅުންތެރިންނަށް ބަލާއިރު،  ޕްލޭމޭކަރ މެސުތު އޮޒިލް އަދި ތޯމަސް މުލާ، މާރިއޯ ގޯމޭޒް، ސާމިރު ކެދީރާ އަދި ޓޯނީ ކްރޫޒްފަދަކުޅުންތެރިން ހިމެނެއެވެ.

މިރޭގެ ޖަރުމަނާއި ދެކޮޅަށް ނިކުންނަ މެކްސިކޯ ޓީމަށް ބަލާއިރު، މެކްސިކޯ މިބވަގުތު އޮތީ ފީފާ ރޭންކިންގެ 15 ވަނާގައެވެ.

މެކްސިކޯ އަކީ ވޯލްޑް ކަޕްގައި މިހާތަނަށް 11 ފަހަރު ވާދަކޮށްފައިވާ ޤައުމެކެވެ. މެކްސިކޯ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކޮށްފައިވަނީ 1930 ގަ އެވެ.

އަދި އޭގެ ފަހުން ޖެހިޖެހިގެން ހަ ފަހަރު މެކްސިކޯ ވޯލްޑް ކަޕަށް ކޮލިފައިވެފައިވެ އެވެ. އެގޮތުން 1970 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާފައިނަލަށް މެކްސިކޯ ދަތުރުކުރި އެވެ. އޭގެފަހުން މެކްސިކޯ ދެން ކޮލިފައިވީ 1978 ވަނަ އަހަރުގެ ވޯލްޑް ކަޕަށެވެ. އެފަހަރު މެކްސިކޯ ވަނީ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް މެކްސިކޯ ވާދަކޮށް ވަނީ ކުއާޓާފައިނަލަށް ދަތުރުކޮށްފައެވެ.

އަދި 1994 ވަނަ އަހަރުން ފެށިގެން ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވެސް މެކްސިކޯ ވާދަކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. އެ ހުރިހާ މުބާރާތަކުން ވެސް މެކްސިކޯ ކަޓާފައިވަނީ ދެވަނަ ބުރުންނެވެ.

މެސްސިކޯގެ މުހިންމު ބައެއް ކުޅުންތެރިންނަށް ބަލާއިރު، ހާވިއާ ހެނާންޑޭޒް އަދި ކާލޮސްވެލާ ހިމެނެއެވެ. މި ދެކުޅުންތެރިންނަކީވެސް ތަޖުރިބާކާރު ދެކުޅުންތެރިންނެވެ. އޭގެތެރެއިން ހެނާންޑޭޒް އަކީ ންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ކުޅެފައިވާ މެކްސިކޯގެ ކުރީގައި ހަރަކާތްތެރިވާނެ އެންމެ މުހިއްމު ކުޅުންތެރިއާއެވެ. 2009 ވަނަ އަހަރުން ފެށިގެން މެކްސިކޯގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ހަނާންޑޭޒް އަކީ މެކްސިކޯގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއާ އެވެ.

އުމުރުން 29 އަހަރުގެ ކާލޯސް ވެލާ އަކީ ހަނާންޑޭޒް ނެގުމަށްފަހު މެކްސިކޯގެ ކުރީގައި ހަރަކާތްތެރިވާނެ އެންމެ މުހިއްމު ކުޅުންތެރިއާ އެވެ. އާސެނަލް އާއި އޮސަސޫނާ އާއި ވެސްޓްބްރޮމް އަދި ރެއާލް ސޮސިއެޑާޑް އަށް ކުޅެފައިވާ ވެލާ މެކްސިކޯގެ ގައުމީ ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރުއެވެ.

މިއީ ވޯލްޑް ކަޕްގައި ޖަރުމަނާއި މެކްސިކޯ ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި މި ދެ ޤައުމު ވާދަކުރި ތިން ފަހަރު ވެސް ކުރި ހޯދާފައިވަނީ ޖަރުމަނެވެ. ބައިނަލްއަގުވަމީ މެޗުތަކުގައި މި ދެ ޤައުމު މިހާތަނަށް 11 ފަހަރު ބައްދަލުކޮށްފައިވާއިރު، މެކްސިކޯ މޮޅުުވީ އެންމެ ފަހަރަކު އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.